Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ޒުވާނުން ގޭންގްތަކަށް ވަންނަ ސަބަބު ހޯދަން ޖެހޭ

ގޭންގްތައް އުފެދެން ދިމާވާ ސަބަބުތަކާއި އެފަދަ ކަންކަމުގެ ތެރެއަށް ޒުވާނުން ވަންނަ ހަގީގީ ސަބަބުތައް ވެސް ދެނެގަނެ އެ ސަބަބުތައް ނައްތައިލުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު،އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މުސްތަފާ ހުސައިން މަޖިލީހަށް ހުށަހަޅާފައިވާ ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލަށް ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ އެެއްވެސް ކުއްޖަކު ބޮޑުވަމުން އަންނަ އިރު، ގޭންގަކަށް ވަންނަން އަޒުމު ކަނޑަނާޅާނެ ކަމަށެވެ. އެކަމަކު ޒުވާން އުމުރަށް އަޅާއިރު، ގޭންގުތަކަށް އެ ކުދިން ވަންނަން މެދުވެރި ވަނީ އެ ކުއްޖަކު ބޮޑުވަމުން އަންނަ މާހައުލުގެ ސަބަބުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވި އެވެ.

"ގޭންގް ކުށްތަކާއި ރޭވިގެން ހިންގާ ކުށްތައް ހުއްޓުވަން ޖެހޭ ކަމާމެދު އަޅުގަނޑުމެން އެއްވެސް މީހަކު ދެބަހެއް ނުވޭ. އެހެން ނަމަވެސް މިފަދަ މުހިންމު ބިލަކަށް އަޅުގަނޑުމެން ބަހުސް ކުރަމުންދާއިރު، އަޅުގަނޑުމެން ވިސްނައިލަންޖެހޭ ކަމެއް އެބަ އޮތް،" އަޒާން ވިދާޅުވި އެވެ. "އެއީ މިފަދަ ގޭންގު ކުށްތައް ކުރަން މެދުވެރިވާ ސަބަބު، ޒުވާން އުމުރުގައި ގޭންގުތަކުގައި ކުދިން ބައިވެރިވަނީ ކީއްވެތޯ އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެފަދަ ކަންތައްތައް އަޅުގަނޑުމެން ބަލައި ދިރާސާކޮށް އެ ކަންތައްތަކަށް އަޅުގަނޑުމެން ހައްލު ހޯދަން އެބަޖެހޭ."

ގޭންގްތަކަށް ޒުވާނުން ވަންނަ ސަބަބާ ގުޅޭ ގޮތުން ބޭރުގެ ބައެއް ގައުމުތަކުގައި ހަދާފައިވާ ބައެއް ދިރާސާތަކަށް އިޝާރާތް ކުރައްވައި އޭނަ ވިދާޅުވި ގޮތުގައި ގޭންގުތަކަށް ޒުވާނުން ވަންނަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ނުލިބުމާއި ގޭންގުތަކަށް ވަދެ އެ ކުރާ ކުށްތަކުގެ ސަބަބުން ލިބޭ މާލީ މަންފާ ބޮޑުވުމުން ކަމަށެވެ.

އަދި ރާއްޖޭގައި ވެސް އެކަން އޮތީ އެގޮތަށް ކަމަށް ގަބޫލު ކުރާނެ ޖާގަ އޮތް ކަމަށާއި އޭނަ ނިސްވަތްވާ އައްޑު އަށް ބެލިޔަސް އެތަނުގައި އާދަޔާހިލާފަށް ގޭންގު ކުށްތައް އިތުރުވަމުންދާ އިރު، އިގުތިސާދީ ހަރަކާތްތަކާއި ވަޒީފާގެ ފުރުސަތުތައް މަދު ކަމަށް އަޒާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަކީ ހަތަރު ލައްކައެއްހާ ކުޑަކުޑަ އާބާދީއެއް އޮތް ގައުމެއް. އެންމެންނަކީ ދެކެފަރިތަ މީހުން. ގޭންގު ކުށްތައް ހައްލު ކުރަން އަޅުގަނޑުމެންނަކަށް އެފޯޑެއް ނުކުރެވޭނެ ޒުވާނުންގެ އާބާދީގެ ބޮޑު ޕަސެންޓެއް ހުރަގެއަށް ލައިގެން އެކަމަށް ހައްލެއް ހޯދާކަށް،" އޭނަ ވިދާޅުވި އެވެ. "އޭގެ ބަދަލުގައި އަޅުގަނޑުމެން ހައްލު ހޯދަންވީ އަޅުގަނޑު ކުރިން ވެސް މި ދެންނެވި ފަދައިން ގޭންގު ކުށްތަކަށް މީހުން ބައިވެރި މިވާ ސަބަބުތަކަށް ހައްލު ހޯދަންވީ."

ގޭންގު ކުށްތައް މަނާ ކުރުމުގެ ބިލުގައި ގޭންގުތައް ކަނޑައަޅާނެ ގޮތާއި ގޭންގުތަކުގައި ބައިވެރިވާ މީހުންނަށް ދެވޭނެ ހަރުކަށި އަދަބުތައް ހިމަނާފައިވެ އެވެ. .