މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 300،000 އިން މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 303،447 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 9.7 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 269،588 ޓޫރިސްޓުންވެ.
މިހާރު ރާއްޖެ އަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7،000 ޓޫރިސްޓުން އަންނަ އިރު، މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަކީ ޗައިނާ (50،979 ޓޫރިސްޓުން)، ރަޝިއާ (28،997 ޓޫރިސްޓުން)، އިނގިރޭސިވިލާތް (27،917 ޓޫރިސްޓުން)، އިޓަލީ (27،901 ޓޫރިސްޓުން) އަދި ޖަރުމަން (17،914 ޓޫރިސްޓުން) އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް 2 މިލިއަން ޓޫރިސްޓުން އައި އިރު، އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ ޗައިނާ އެވެ.