Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ގޭންގްތަކާ ގުޅޭ ބިލް ކޮމިޓީ އަށް

ބިލް ހުށަހެޅުއްވި މެމްބަރު މުސްތަފާ.

ގޭންގް ކުށްތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ދެވޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ގޭންގު ކުށްތައް މަނާ ކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

އެ ބިލް މިއަދު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މުސްތަފާ ހުސައިނެވެ. ބިލު މަޖިލީހަށް ބަލައިގަތީ 42 މެންބަރުންގެ ވޯޓާ އެކީގަ އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލުގައިވާ ގޮތުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ އުފައްދައިފި ނަމަ ނުވަތަ ހިންގައިފި ނަމަ އުމުރު ދުވަހަށް ޖަލަށް ލުމާ އެކު 200،000ރ. އާއި 10 މިލިއަން ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ކަމެއްގައި އެހީތެރިކަން ފޯރުކޮށް ދީފި ނަމަ 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާ އެކު، 100،000ރ. އާއި 5 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރެވޭނެ އެވެ.

ބިލުގައި ގޭންގު ހަރަކާތެއް ހިންގުމަށް ތައްޔާރުވުމުގެ ގޮތުން ނުވަތަ ގޭންގުގެ މެމްބަރުން އެކަކު އަނެކަކަށް ބައްދަލުވެ އުޅުމަށްޓަކައި ވަކި ގެއަކަށް ނުވަތަ ތަނަކަށް އެއްވެ ކުށެއް ކުރަން އުޅޭ ކަމަށްވާ ނަމަ، އެ ތަނަކަށް ކޯޓު އަމުރެއް ނެތި ފުލުހުންނަށް ވަދެވޭ ގޮތަށް ބާރުދީފައިވެ އެވެ.

އަދި ގޭންގު ހަރަކާތެއް ހިންގުމަށް އަމިއްލަ ތަނެއް ބޭނުން ކުރުމާއި ގޭންގު މެމްބަރުން އަމިއްލަ އަދި އާންމު ތަނަކަށް ބާރު ފޯރުވުން ހުއްޓުވަން ވެސް ހިމަނާފައިވެ އެވެ.