Last Updated: April 21, 10:12
Monday, April 21, 2025
ޚަބަރު

އައްޑޫގައި މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

އަައްޑޫ ހިތަދޫގައި އިއްޔެ ރޭ މީހަކު ރަހީނުކޮށް، ބޮލުގެ އެއްބަލައި ބާލައި އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ފަސް މީހަކު ހިމެނޭ އެ ގްރޫޕްގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

ފުލުހުން ވަނަވަރު އާންމުކުރި ހަތަރު މީހުންނަކީ ހިތަދޫ ވިޝަން ޑްރީމް، ސަމާޙު ތައުފީޤް، 20، އާއި އެ އަވަށު ގްރޭސް، ޔަޢީޝް އާޒާދު، 19، އާއި އެ އަވަށު ނޫތަރި، އަޝްރަފު މުޙައްމަދު، 22، ގެ އިތުރުން އެ އަވަށު މެރީގާޑަން ޢަލީ މާޒިން ޙަސަން، 20، އެވެ.

މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ އަކީ 15 އަހަރުގެ ކުއްޖެކެވެ.

ހިތަދޫ މައިލޯ ދަނޑު ސަރަހައްދުގައި ގްރޫޕް ހަދައިގެން ކިޑްނެޕްކޮށް އަނިޔާކޮށްފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ އެ މީހާ އަށް އަނިޔާކުރި މީހުން އަތުލައިގަތީ އިއްޔެރޭ ދަންވަރު 1:35 ހާއިރު މައިލޯ ދަނޑު ސަރަހައްދުން ވެހިކަލެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ފިލަން މަސައްކަތްކުރި މަންޒަރު ފެނިގެން މީހުން ފިލަން މަސައްކަތް ކުރި ސަބަބު އިތުރަށް ބެލުމުން މީހަކު ރަހީނުކޮށްފައިވާކަން އެނގުމާ ގުޅިގެން ކަމަށެވެ.

އެގޮތުން ރަހީނުކުރި މީހާ ޖޯއްޔެއްގައި ބަނދެ، ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.