ގައުމުގެ ކަންކަން ހަމަމަގަށް އަޅުވަން ބަލަން ނުތިބެ، ރައީސުލްޖުމްހުރިއްޔާ ބާރުތައް ދޭންވީ ކަމަށް މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ އައިބީ) ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް މިއަދު ހުށަހެޅި ގޭންގް ކުށްތަކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން އޭނަ ވިދާޅުވީ ޑިމޮކްރަސީ އަށް ނުބަލައި އެކަމުގައި ހައްދުފަހަނައަޅައިދާ މިންވަރަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރުތައް ދޭންވީ ކަމަށެވެ.
އައިބީ ވިދާޅުވީ ގާނޫނުތައް ހަރުކަށިކޮށްގެން ބާރުތައް ވަކި މީހެއްގެ އަތްމައްޗަށް ގެނައި ނަމަވެސް ލިބޭ ބާރުތަކުގެ ނަހަމަ ފައިދާ ނެގިޔަދިނުން މަޖިލީހުން ހުއްޓުވާނެ ކަމަށެވެ.
"ރައީސުލްޖުމްހުރިއްޔާއަށް ދޭންވީ ހައްދުފަހަނައަޅައިދާ މިންވަރަށް ބާރު، ގައުމު ހިންގަން. އެއޮތީ ޗައިނާ ތިޔަ ވިދާޅުވާ ޑިމޮކްރަސީ ކޮންތާކު އޮތީ." އޭނަ ވިދާޅުވި އެވެ. "ރާއްޖެ މިގޮތަށް ކުރިއަށްދާއިރު އަޅުގަނޑުމެން ވިސްނަންޖެހޭ، ޑިމޮކްރަސީގެ އުސޫލުތަކުން ހިންގާ ގައުމުތައް މިތިބީ. ދުނިޔޭގެ އެހެން ގައުމުތަކަކީ ވެސް. އެހެންވީމަ ކޮންމެހެން ނުޖެހޭ އަޅުގަނޑުމެން ބަލާކަށް ތި އެއްޗެހި."
އައިބީ ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ތަރައްގީ އާއި އަމާންކަން ކަމަށާއި ހުދުމުހުތާރު ވެރިކަންކުރާ ގައުމުތައް އެގޮތުން ބަލާ އިރު މާ ބޮޑަށް ތަރައްގީވެފައިވާ ކަމަށެވެ. އަދި އެފަދަ ގައުމުތަކުގެ މަގުތައް މާ ބޮޑަށް އަމާން ކަމަށް ވެސް ވިދާޅުވި އެވެ.
"ހުދުމުހުތާރޭ ކިޔަނީ އެކަމު އެ ގައުމުތައް މާ އަމާން. މާ ތަރައްގީ. މާ ސުލްހަވެރި. ނުރައްކާތެރިކަމެއް މަގުމަތީގަ ނުހިނގާ. މަގުތައް ހެދިފަ އޮތީ. ގައުމަށް ލިބޭ ފައިސާ ވަގަށް ނުނަގާތީތާ ތަރައްގީވީ." އޭނާ ވިދާޅުވި އެވެ.