ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް، ޝްރީ ޖަގްދީޕް ދަންޚާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ މި ބައްދަލުކުރެއްވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމަށް މަޝްވަރާކުރެވުނު ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.
އިންޑިއާގެ ނައިބު ރައީސްގެ ވާހަކަފުޅުގައި އިންޑިއާއަކީ ރާއްޖެއިން އެހީއަށް އެދޭ ކޮންމެ ވަގުތެއްގައި ވެސް ވަގުތުން އެހީދޭން ތައްޔާރަށް އޮތް ގައުމެއް ކަމަށް ވިދާޅުވި އެވެ. އަދި މޯލްޑިވްސް – އިންޑިއާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނަށާއި ދިވެހި ވަފުދުގެ ހުރިހާ މެންބަރުންނަށް ވެސް މަރުހަބާ ވިދާޅުވެ، ދެގައުމުގެ ދެމެދުގައިވާ މިއެކުވެރިކަން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން މި ބައްދަލު ކުރެއްވުމުގައި މަޖިލީހުގެ ރައީސް ވަނީ ރާއްޖެ ވަޑައިގަތުމަށް އިންޑިއާގެ ނައިބު ރައީސްއަށް ދައުވަތު އަރުއްވާފަ އެވެ.