Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ފެންނަނީ ދައުލަތް ހިންގަން ފައިސާ ހޯދާނެ ގޮތް ނޭނގޭ މަންޒަރު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު- ފޮޓޯ: އެމްޑީޕީ

ފެންނަނީ ދައުލަތް ހިންގަން ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު ކަމަށް، އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކުރުމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި އާއްމު ރައްޔިތުން ކުރާ ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަދެ، ޓެކްސީ ޑްރައިވަރުންނާ ވާދައަށް ސަރުކާރުން ނިކުތުމަކީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ދޭހަވާ ކަމެއް ކަމަށެވެ.

ސަރުކާރު ވާންޖެހޭނީ އާއްމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ރެގިއުލޭޓްކޮށްދޭ ފަރާތަށް ކަމަށާއި އާއްމު ހުރިހާ ވިޔަފާރިއެއްގައި ސަރުކާރާ ވާދަކުރަން އާއްމުންނަށް ޖެހުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ކޮންމެ ކަމެއްގައިވެސް ފެނިގެން މިދަނީ ސަރުކާރުގެ އަމާޒެއް ނެތްކަމާއި، ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު. ވަކިން ޚާއްސަކޮށް، ސަރުކާރުން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވުމަކީ ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް،" ޝާހިދު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން ނިންމައި އެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓާކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ދޭން ކަމަށް މިނިސްޓްރީން ބުންޏެވެ. މި ހިދުމަތް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ މެދުތެރޭގަ އެވެ.

އީވީ ޓެކްސީގެ ހިދުމަތް ދޭން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި އިރު، މި ސަރުކާރުން ޓެކްސީ ހިދުމަތުގެ ވަންނަން އުޅޭ ކަމަށް ބުނެ މާލެ ސަރަހައްދުގެ ޑްރައިވަރުން އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ނަމަވެސް މިއަދުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީގެ ހިދުމަތަކީ ވަރަށް ޒަރޫރީ ހިދުމަތަތަކަށްވުމާ އެކު، އީވީ ޓެކްސީ ލައިން ވާނީ މާލެ ސަރަހައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށާއި ލުޔަކަށް ކަމަށެވެ. އަދި މިއީ ސަތޭކަ ޕަސަންޓް އީވީ ހިދުމަތަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވަނީ އާންމު ޓެކްސީ ހިދުމަތުގެ ތެރެއަށް ވަންނަން ސަރުކާރުން ނޫޅޭ ކަމަށާއި ބޭނުން ވަނީ ޓެކްސީ ހިދުމަތްތައް ރަނގަޅަށް ރެގިއުލޭޓްކޮށް، ކަނޑައަޅާ ސްޓޭންޑާޑެއްގެ ދަށުން އެ ހިދުމަތް ދެވޭނެ އިންތިޒާމެއް ކަނޑައަޅަން ކަމަށްވެސް ވިދާޅުވެފަ އެވެ.