الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އާޔަތުލް ކުރުސިއަކީ ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތެވެ.
﴿اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ﴾ [سورة البقرة ٢٥٥]
މާނައީ: “ﷲ އީ، އެއިލާހު ފިޔަވާ އަޅުކަން ޙައްޤުވާ އެހެން އިލާހަކު ނުވާ ފަރާތެވެ. (އެއީ) ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ. އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއްވެސް އެއިލާހަކަށް ނުވެއެވެ. އުޑުތަކުގައި ވާހާ އެއްޗަކާ އަދި ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ އެއިލާހަށެވެ. އެއިލާހުގެ އިޛުނަފުޅާ ނުލާ އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރިވެވޭނީ ކޮން ފަރާތަކަށް ހެއްޔެވެ! (އެބަހީ: އެއިލާހުގެ އިޛުނަފުޅާ ނުލާ އެއްވެސް ފަރާތަކަށް އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރި ނުވެވޭނެއެވެ.) އެބައިމީހުންގެ ކުރިން (އެބަހީ: މަޚްލޫޤުންގެ ކުރިން) އިސްވެގޮސްފައި ވާހާ ކަމަކާއި، އެބައިމީހުންގެ ފަހުން ވާނޭހާ ކަމެއްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއިލާހުގެ ޢިލްމުފުޅުގެ ތެރެއިން އިރާދަކުރެއްވިކަމެއް ފިޔަވާ، އެއްވެސް އެއްޗެއް އެބައިމީހުންނަކަށް އެނގިގެނެއް ނުވެއެވެ. އެއިލާހުގެ ކުރުސިކޮޅު، އުޑުތަކާއި ބިމަށް ވުރެ ތަނަވަސްވެގެންވެއެވެ. އެ އުޑުތަކާއި ބިން ރައްކާތެރި ކުރެއްވުމުގައި އެއިލާހަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި އެއީ އެންމެ މަތިވެރި، އެންމެ މާތް އިލާހެވެ.”
މި މަތިވެރި އާޔަތުން ޙާސިލުވާ ބައެއް ފައިދާތައް:
1. އުލޫހިއްޔަތުގައި ﷲ އެއްކައުވަންތަ ކުރުން
﴿لَا إِلَـٰهَ إِلَّا هُوَ﴾ މިއީ ﷲ އާއި މަލާއިކަތުންނާއި ނަބީބޭކަލުންނާއި ޢިލްމުވެރިންވެސް އެކަމަށް ހެކިވެފައިވާ ކަމެކެވެ.
2. ދިރިދެމިވޮޑިގެންވުމުގެ ޞިފަ ﷲ އަށް ޘާބިތުކުރުން
﴿الْحَيُّ﴾ މިއީ މަރުގެ އިދިކޮޅެވެ. ﷲ ތަޢާލާއީ ދިރިދެމިވޮޑިގެންވާ، މަރުވުމެއް ނުވާ އިލާހެވެ. މިއީ އެއިލާހުގެ އިސްމުފުޅެކެވެ. ފުރުޤާން ސޫރަތުގެ 58 ވަނަ އާޔަތުގައި ﷲ ތަޢާލާވަނީ ދިރިދެމިވޮޑިގެންވުން އެއިލާހަށް ޘާބިތުކުރައްވާ، މަރުވުން ނަފީކުރައްވާފައެވެ.
3. ﷲ ގެ ދިރިދެމިވޮޑިގަތުމުގެ ޞިފަ، އެއިލާހަށް ޘާބިތުވަނީ އެންމެ ފުރިހަމަ ގޮތުގައި.
އެއިލާހަށް ދިރިދެމިވޮޑިގަތުން ނިސްބަތްކުރައްވާފައިވަނީ މަދަޙައިގެ ގޮތުގައެވެ. އެކަމުގައި ފުރިހަމަކަން ނުވާނަމަ ޙަޔާތަކީ މަދަޙަ ކިޔޭ ކަމަކަށް ނުވާނެއެވެ.
4. القَيُّومِيَّة ގެ ޞިފަ ﷲ އަށް ޘާބިތުކުރުން.
﴿الْقَيُّومُ﴾ ގެ މުރާދަކީ އެއިލާހުގެ ޛާތުފުޅާއިގެން ދާއިމަށް ޤާއިމުވެވޮޑިގެންވުމެވެ. އަދި ހުރިހާ މަޚުލޫޤުންގެ ކިބައިން ފުދިވޮޑިގެންވުމެވެ. މިއީ އެއިލާހުގެ އިސްމުފުޅެކެވެ. ﷲ ގެ ކޮންމެ އިސްމުފުޅަކުން އަންގައިދެނީ އެއިލާހުގެ ޞިފަފުޅެކެވެ. ނަމަވެސް އެއިލާހުގެ ކޮންމެ ޞިފަފުޅަކީ އެއިލާހުގެ އިސްމުފުޅެއް ނޫނެވެ.
5. އަވަހާރަފުޅު އައުމާއި އަވަހާރަފުޅު ލެއްޕެވުމުން ހުސްދުރުވެވޮޑިގެންވުން.
މި ދެ ޞިފަ ނަފީކުރުމުން ދިރިދެމިވޮޑިގެންވުމާއި ޤާއިމުވެވޮޑިގެންވުމުގެ ޞިފަ ޘާބިތުކޮށްދެއެވެ.
6. އެއިލާހުގެ މުލްކުފުޅު ތަނަވަސްވެގެންވުން.
7- އެންމެހާ ތަކެތީގެ މިލްކުވެރިކަން އެއިލާހަށް ޚާއްޞަވެގެންވުން.
އެއިލާހު ފިޔަވާ އެއްވެސް ފަރާތަކަށް ފުރިހަމަ ގޮތުގައި އެއްވެސް އެއްޗެއް މިލްކުވެގެން ނުވެއެވެ. އުޑާއި ބިމާ އަދި އެދެމެދުގައި ވާހާ އެއްޗެއް މިލްކުވެގެންވާ ހަމައެކަނި ފަރާތަކީ ﷲ އެވެ.
8. ބައިވަރު އުޑުތައްވާކަން.
ހަތް އުޑާއި ހަތް ބިން ވާކަން ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވެއެވެ.
9 ﷲ ގެ ވެރިކަމުގެ ބާރުގަދަކަން.
﴿مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ﴾ ގެ މުރާދަކީ އެއްވެސް މީހަކަށް ޝަފާޢަތްތެރިވެވޭނީ އެއިލާހު އިޛުނަ ދެއްވުމުންނެވެ. އިޛުނަ ނުދެއްވައިފިނަމަ އެއްވެސް މީހަކަށް ޝަފާޢަތްތެރި ނުވެވޭނެއެވެ. ޝަފާޢަތްތެރިވުމަށް އިޛުނަ ދެއްވާނީ އެއިލާހު އިރާދަކުރެއްވި މީހަކަށެވެ. އަދި އެއިލާހު ރުހިވޮޑިގަންނަވާ މީހަކަށެވެ.
10. އިޛުނަ ދެއްވުމުގެ ޞިފަ ﷲ އަށް ޘާބިތުކުރުން.
މިކަމުން ބަސް ވަޙީކުރެއްވުމުގެ ޞިފައަށްވެސް ދަލީލުކޮށްދެ އެވެ.
11- މުޝްރިކުން އަޅުކަން ކުރާ ތަކެތީގެ ބާޠިލުކަން.
﴿مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ﴾ މިއީ ބުދުތަކަކީ މުޝްރިކުންނަށް ޝަފާޢަތްތެރިވާނޭ ތަކެތި ކަމަށް އެބައިމީހުން ބުނި ބުނުމުގެ ރައްދެވެ. އެބަހީ އެތަކެތި އެބައިމީހުންނަށް ޝަފާޢަތްތެރިއެއް ނުވާނެއެވެ. އެހެނީ ﷲ އެތަކެއްޗަށް ރުހިވޮޑިނުގަންނަވައެވެ.
12. ﷲ ގެ ޢިލްމުފުޅުގެ ތަނަވަސްކަން.
13. ﷲ ގެ މަތިވެރިކަން.
14. އިންސާނާއަށް ލިބިފައިވާ ޢިލްމުގެ މަދުކަން.
15. ﷲ ގެ ކުރުސިކޮޅުވާކަން ޘާބިތުކުރުން.
16. ކުރުސިކޮޅުގެ ބޮޑުކަން.
މިއީ ﷲ ގެ މަޚްލޫޤެކެވެ. މި މަޚްލޫޤުގެ ބޮޑުކަމާއި ތަނަވަސްކަމާއެވެ!
17. ﷲ ގެ ބޮޑުކަން.
އެއިލާހުގެ މަޚްލޫޤެއް ކަމުގައިވާ ކުރުސިކޮޅު އުޑުތަކާއި ބިމުގެ އެންމެހާ ކަންކޮޅުތަކަށް ތަނަވަސް ވެގެންވުމުން އެއިލާހުގެ ބޮޑުކަން ޘާބިތުކޮށްދެއެވެ.
18. ﷲ ގެ ބާރުގަދަކަން ޘާބިތުކުރުން.
﴿وَلَا يَئُودُهُ حِفْظُهُمَا﴾ މިއިން ދޭހަކޮށްދެނީ އުޑުތަކާއި ބިން އެއިލާހަށް ބަރު އެއްޗެއް ކަމުގައި ނުވާކަމެވެ. އަދި އެއިލާހުގެ ޢިލްމުފުޅުގެ ތަނަވަސްކަންވެސް މެއެވެ. މިކަމުން އެއިލާހުގެ ޤުދުރަތްތެރިކަން ވެސް ޘާބިތުވެއެވެ.
19 .ﷲ ގެ މަތިވެރިކަމާއި މާތްކަން ޘާބިތުކުރުން.
﴿الْعَلِيُّ الْعَظِيمُ﴾ މިއީ ﷲ ގެ ދެ އިސްމުފުޅެވެ.
މަސްދަރު: ދިސަލަފިއްޔާ