ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރަށު ކައުންސިލްތަކުން އިމިގްރޭޝަންގެ އެހީ ބޭނުންވާ ނަމަ އެކަމަށް މޯލްޑިވްސް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޑެޕިއުޓީ ކޮންޓްރޯލަ އޮފް އިމިގްރޭޝަން އަހުމަދު އަޝްފާން ވިދާޅުވެއްޖެ އެވެ.
ޓީވީ ޗެނަލަކަށް ރޭ ދެއްވި އިންޓަވިއުއެއްގައި އޭނަ ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތައް މިދިޔަ އަހަރު ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ކުރިއަށް ގެންދިޔަ ކަމަށާއި އެ މަސައްކަތްތައް ކާމިޔާބުކަމާއެކީ ކުރެވެނީ ރަށްރަށުގެ ކައުންސިލްތަކުގެ އެއްބާރުލުމާ އެކީގައި ކަމަށެވެ.
"ރަށްރަށުގަ ރެއިޑް އޮޕަރޭޝަންތައް ހިންގޭނީ ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ކައުންސިލްތަކުން އެކަމަށް އެދޭނަ އިމިގްރޭޝަންގެ ފުލް ސަޕޯޓު އެކަމަށް ލިބޭނެ." އަޝްފާން ވިދާޅުވި އެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތައް އަތޮޅުތަކަށް ފުޅާ ކުރުމުގެ މަސައްކަތް ފަށާފަވާ އިރު އިމިގްރޭޝަނުން ވަނީ ކ. ގުރައިދު އާއި ތިލަފުށީގައި އޮޕަރޭޝަން ދާދި ފަހުން ހިންގާފައިވެ އެވެ.
މި އޮޕަރޭޝަންތަކުގައި އިމިގްރޭޝަނާ އެކު ފުލުހުންނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވެ އެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއް ވެސް ގާއިމުކޮށްފައިވެ އެވެ. އެއަށް މިހާތަނަށް 1،297 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފަވާއިރު އޭގެ ތެރެއިން ނުނިމި މިހާރު އޮތީ އެންމެ 11 މައްސަލައެކެވެ.