މި މަހުގެ ކުރީކޮޅު އައިޖީއެމްއެޗް ކައިރީގައި މީހެއްގެ ބޮލަަށް މަރުތޭލަކުން ހަމަލާ ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން މިއަދު ހައްޔަރުކުރީ ފުވައްމުލަކު، ދިގުނވާޑު، ބަނަފުސާގޭ ހުސައިން އަރީޝް، 31، އެވެ.
ފުލުހުން އޭނަ ހައްޔަރުކުރީ ހަމަލާ އަށް ފަހު، ފިލަން މެލޭޝިއާ އަށް ގޮސްގައި އެނބުރި މިއަދު ރާއްޖެ އައުމާ އެކު ވެލާނާ އެއާޕޯޓުންނެވެ. އަރީޝް އަކީ މާފަންނުގައި އޮޕަރޭޓްކުރާ ގޭންގަކަށް ނިސްބަތްވާ އަދި ކުށުގެ ރެކޯޑުތަކަށް ބަލައި ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ލިސްޓްކޮށްފައި އޮންނަ މީހެކެވެ.
މި މަހުގެ 4 ވަނަ ދުވަހުގެ ރޭ މަރުތޭލުން ހަމަލާ ދީ ޒަހަމްކުރި މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވެ އެވެ.