އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކުރާކޮމެޓީއާއި ސިޓީކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ އަތްތެރި މަސައްކަތުގެ ވޯކްޝޮޕް ނިންމާލައިފިއެވެ.
އޮގަސްޓް މަހުގެ 4 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ހިތަދޫގައި ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި އައްޑޫގެ ހުރިހާ ރަށަކުން އަންހެނުންވަނީ ބައިވެރިވެފައެވެ.
ޖުމްލަ 44 ފަރާތަކުން މިވޯކްޝޮޕް ފުރިހަަމަކޮށްފައިވާއިރު ވޯކްޝޮޕްގައި ބައިވެރިވި ހުރިހާފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ވޯކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ އައްޑޫ ސިޓީގެ ޑެޕިޔުޓީމޭޔަރ އަބްދުﷲ ޠައްޔިބެވެ.
އައްޑޫގެ އަންހެނުންނަށް ގޭގައިތިބެގެން އާމްދަނީ ހޯދޭފަދަ މަސައްކަތެއް ދަސްކޮށްދިނުމަށްޓަކައި ހިންގި ވޯކްޝޮޕަށް ލިބުނު ތަރުޙީބަށް ބަލާފައި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ވޯކްޝޮޕްތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މައުލޫމާތު ދޭގޮތުގައި އެ ކޮމެޓީގެ އުއްމީދަކީ އައްޑޫގެ ސުވެނިއަރ ޝޮޕްތަކަށް އެފަދަތަކެތި ރާއްޖެއިން ބޭރުން އެތެރެކުރާ ފަރާތްތަކުން އައްޑޫގެއަންހެނުން ތައްޔާރުކުރާސާމާނުވެސް އެފިހާރަތަކަށް ގަތުމެވެ.