Last Updated: April 19, 13:58
Saturday, April 19, 2025
ޚަބަރު

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ސަމާލުކަމެއް ނުދޭ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ދޭންޖެހޭ ސަމާލުކަން ސަރުކާރުން ދެމުންދާ ކަމަށް ގަބޫލުނުކުރެވޭ ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އައްޑޫގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ޙާއްސަކޮށް ކަރަންޓުގެ ހާލަތު ގޯސްވުމުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި ވިޔަފާރިތަކަށް ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އައްޑޫއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ސިޓީ ކަމަށްވާއިރު، މިކަން ޙައްލުކުރުމަށް ސަރުކާރުން ޚާއްޞަ ޕްލޭންތަކެއް އެކުލަވާލައި، އަވަސް ޙައްލެއް ހޯދައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"މައްސަލަ ޙައްލުނުވެ ދިގުލައިގެންދާ ދިޔުމުން، ސަރުކާރުން މިކަމަށް ދޭންޖެހޭ ސަމާލުކަން ދެއްވާކަމަކަށް ޤަބޫލެއް ނުކުރެވޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ރަމަޟާން މަހު ކަރަންޓުގެ އަސާސީ ޙައްޤުން އައްޑޫ ރައްޔިތުން މަޙްރޫމްނުކޮށް، ދަތިޙާލު ނުޖައްސައި، ރޯދައިގެ ކުރިން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާއިރު، ކޮންމެ ދުވަހަކު އައްޑޫގެ އެކި އަވަށްތަކުގެ އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް އަންނަނީ ކަރަންޓު ކަނޑަމުންނެވެ.