Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

މޫސުމީ ކާރިސާތައް ސިޔާސީ މަޝްވަރާއަށް މަޑެއް ނުކުރާނެ

މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގައި މިއަދު ކުރިއަށްދާ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި، ކާރިސާތައް މެނޭޖްކުރުމަށްޓަކައި، ޙަރަކާތްތެރި ލީޑާޝިޕެއް ބޭނުންވާ ކަމަށާއި އަދި ބޮޑެތި އިޤްތިޞާދުތަކުން ވެފައިވާ މޫސުމީ ބަދަލުތަކުގެ ވަޢުދުތަކަށް އިޙްތިރާމްކޮށް، އެޤައުމުތަކުގެ ޢަމަލުތައް އެއްގޮތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދުނިޔޭގެ ހަމަޖެހުން ބަރޯސާވަނީ ފަރުދީ ޢަމަލުތަކުގެ މައްޗަށް ނޫންކަމާއި، އިތުބާރުގެ މައްޗަށްކަން ޤަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ، ސަރުކާރުގެ ކޮންމެ ނިންމުމެއްގެ މައިގަނޑު އަސާސަކަށް ވާންޖެހޭ ކަމަށާއި އިޖުތިމާއީ، އިގްތިސާދީ އަދި މާލީ ގޮތުން ކަމުގައި ވިޔަސް، ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން، މޫސުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަން ފުރަތަމަ ސުވާލު ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އަދި ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލެއްވީ ހަމައެކަނި ވައުދުތަކަކަށް ނޫން ކަމަށާއި، ފިޔަވަޅު އެޅުންވެސް އެގޮވާލެއްވުމުގައި ހިމެނޭކަން ފާހަގަކުރެއްވި އެވެ. އެގޮތުން، ހަމަ އެކަނި ވަޢުދުތަކެއް ވުމުގެ ބަދަލުގައި، ޢަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށްވެސް ނައިބު ރައީސް ވަނީ ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލައްވާފަ އެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މި ފަހަކަށް އައިސް ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި މިކަންކަމަށް ޙައްލުހޯދައި، ކާރިސީ ހިރާސްތައް ކުޑަކުރުމަކީ މިހާރުން މިހާރަށްވެސް އިސްކަންދޭ ކަމެއް ކަމަށާއި، ދިވެހި ރައްޔިތުން ގެންދަނީ މި ރޮނގުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.