Last Updated: November 25, 17:58
Monday, November 25, 2024
ޚަބަރު

ފޭދޫގެ ބިން ހިއްކުން މާދަމާ ބަޔަކާއި ހަވާލުކުރަނީ!

އައްޑޫ ސިޓީ، ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތް ހޯމަ ދުވަހު ކޮންޓްރެކްޓަރަކާއި ހަވާލު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ “ޚަބަރު ތެރެއިން” ޕްރޮގްރާމްގައި އައިބީ ވިދާޅުވީ ބިން ހިއްކަން އިއުލާން ކުރުމުން އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ބިޑްތައް ހުޅުވުން ހޯމަ ދުވަހު ހައުސިން މިނިސްޓްރީން ބާއްވައި، އެ މަޝްރޫޢު ބަޔަކާ ހަވާލުކުރެވިގެން ދާނެ ކަމަށެވެ.

އައިބީ ވިދާޅުވީ ފޭދޫން ބިން ހިއްކުމުން ބޯހިޔާވަހިކަމުގެ މަޝްރޫތަކާއި ސިނާއީ މަސައްކަތްތަކަށް އެ ބިންތައް ބޭނުން ކުރެވި، ފޭދު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށެވެ.

ފޭދޫ ބިން ހިއްކައި ދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އެންމެ ފަހުން އިއުލާން ކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. 5،900 އެއްހާ މީހުންގެ އާބާދީއެއް އޮތް ފޭދޫން ހިއްކަން ނިންމައިފައި ވަނީ 42 ހެކްޓަރުގެ ސަރަހައްދެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ 2018 ގެ ފޭދޫ ކެމްޕޭން އޮފީސް ހުޅުވުމަށް ފާއިތުވި އެޕްރީލް މަހުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތުގައި މިހާރު ނައިބްގެ ރައީސް އަހުމަދު އަދީބް ވިދާޅުވެފައި ވަނީ ފޭދޫ ބިން ހިއްކުމަކީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވެސް ނިންމާފައި އޮތް ކަމެއް ކަމަށާއި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭ ފެށިގެން ދާނެ ކަމަށެވެ. އޭގެ ފަހުން ސަރުކާރުގެ ފަރާތުން ވަނީ އޮގަސްޓް މަހުގެ ތެރޭގައި ފޭދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ބުނެފައި ކަން ފާހަގަކޮށްލެވެއެވެ.