ހުޅުމާލޭގައި އިއްޔެ ފެށި "ރަށު އެކްސްޕޯ" ގައި ނުވަ އަތޮޅަކުން 15 ރަށަކުން ބައިވެރިވާ ކަމަށް އެ އިވެންޓް އެ އިންތިޒާމުކުރި ގާއިސް ޓްރެވެލްސް އިން ބުނެފި އެވެ.
މިއީ ރަށްރަށުގެ ޓޫރިޒަމާއި ރަށްރަށުގެ ހާއްސަ ކަންކަން ޕްރޮމޯޓްކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ އިވެންޓެކެވެ. އެކްސްޕޯ އިއްޔެ ހަވީރު ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ "ރަށު އެކްސްޕޯ" ގައި ބައިވެެރިވެފައި ވަނީ ފުވައްމުލައް ސިޓީ، ހދ. ނޮޅިވަރަންފަރު، އދ. އޮމަދޫ، އދ. ފެންފުށި، ލ. ގަން، އދ. މާމިގިލި، ޅ. ނައިފަރު، ޅ. ހިންނަވަރު، ލ. މާބައިދޫ، ނ. ވެލިދޫ، ހއ. އުތީމު، ކ. މާފުށި، ކ. ދިއްފުށި، ކ. ހިންމަފުށި އަދި ގއ. ކޮލަމާފުއްޓެވެ.
"ރަށު އެކްސްޕޯ" އާ ބެހޭ ގުޅޭ ގޮތުން ޓްރެވަލް ގައިޑްސްގެ ޑިރެކްޓަރު ޑރ. ހުސެއިން ސަނީވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން ވަރަށް ގިނަ ރަށްރަށަށް އަދި ވަރަށް ގިނަ އަތޮޅުތަކަށް ކުރި ދަތުރުތަކުން އެނގުނުގޮތުގައި، އަތޮޅުތެރޭގެ ގިނަ ރައްޔިތުން ބޭނުން ވަނީ ރަށްތައް އިޝްތިހާރުކުރުމާއި އެ ރަށްތަކުން ލިބެން ހުންނަ ހިދުމަތްތައް މާކެޓުކުރުމަށް ގިނަ ފުރުސަތުތަކެއް ކަމަށެވެ.
"އެހެންވެ މިއީ އެކަމަށް ހާއްސަކޮށްގެން ބާއްވައިދޭ ފުރަތަމަ އެކްސްޕޯ. މީގައި އިތުރަށް ފާހަގަކުރެވޭ ކަމަކީ ރަށްރަށުގެ ސަގާފަތް. ރަށްރަށާ ބެހޭ އެކިއެކި މައުލޫމާތު، އަދި މިފަހަރު އެބައުޅޭ އެތަންތަނުގެ އިންވެސްޓްމަންޓްސްތައް ވެސް ގެނެސްފައި،" އޭނަ ވިދާޅުވި އެވެ. "އެހެންވީމަ މީގައި ވަރަށް ގިނަ ފުރުސަތުތައް އެބަ ލިބޭ."
"ރަށު އެކްސްޕޯ" ގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. ގޯލްޑް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. އަދި ޑެސްޓިނޭޝަން އައިލެންޑަކީ ފުވައްމުލަކެވެ.
އައިލެންޑް އޭވިއޭޝަނާއި ސްޓެލްކޯ ވެސް އެކްސްޕޯގައި ބައިވެރިވެފައިވެ އެވެ.