Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ނިންމުން ބަދަލު ކުރަން ޑްރައިވަރުން ގޮވާލައިފި

އެމްޓީސީސީ މެދުވެރިކޮށްޓެކްސީގެ ހިދުމަތަށް ދޭން ސަރުކާރުން ނިންމި ނިންމުން އަލން މުރާޖާކުރުމަށް މޯލްޑިވްސް ޑްރައިވާސް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

އިލެކްޓްރިކް ވެހިކަލް (އީވީ) އެކުލެވޭ ޓެކްސީ ލައިނަކުން މާލެ ސަރަހައްދަށް ޓެކްސީގެ ހިދުމަތް ދޭން ނިންމައި ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ އެކު ސޮއިކުރީ މިދިޔަ ބުދަ ދުވަހު އެވެ.

މިކަމާ ގުޅިގެން ޑްރައިވާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްއި ބުނީ ސަރުކާރުގެ ނިންމުމަކީ ޓެކްސީގެ ހިދުމަތުގައި އަމާނާތްތެރިކަމާ އެކު މަސައްކަތްކުރާ އެންމެންގެ ހައްގަށް އަރައިގަތުން ކަމަށެވެ. އެހެންވެ އެ ނިންމުން ނިންމަން ޖެހުނު ސަބަބު ސާފުކޮށްދީ ސަރުކާރުގެ ނިންމުން އަލުން މުރާޖާކުރުމަށް ގޮވާލާފައިވެ އެވެ.

އެސޯސިއޭޝަނުން ބުނީ އީވީ ޓެކްސީ ލައިނެއް ތައާރަފު ކުރަން އެކަށީގެންވާ ދިރާސާއެއް ވެސް ނުކޮށް ކަމަށާއި އެ ހިދުމަތް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރޫ ޓެކްސީ ހިދުމަތުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވައުދުވެ ވަޑައިގެންފައި ވަނިކޮށް ކަމަށެވެ.

އެސޯސިއޭޝަނުން ބުނީ ސަރުކާރުގެ ނިންމުމާއެކު ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާއި ކާރުތައް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ދިރިއުޅުން ނިކަމެތިވެ، ކުދި ވިޔަފާރިތައް ވެސް ހީނަރުވެ ވާދަވެރިކަން ނެތިދާނެ ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ދަމަހައްޓަން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.