Last Updated: March 13, 21:58
Thursday, March 13, 2025
ރިޕޯޓް

ލަކީ ޑްރޯގެ ހުކުމަކީ ކޮބާ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ވިޔަފާރި ކުރިއެރުވުމަށްޓަކައި، ވަކި މިންވަރަކަށް ވުރެ ގިނައިން ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ފަރާތްތަކަކަށް އިނާމުދޭ ގޮތަށް ބާއްވާ “ލަކީޑްރޯ”ގެ (Lucky Draw) ގެ ޙުކުމާ ބެހޭ ގޮތުން ޝައިޚު ޢުޘައިމީން رحمه الله ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. ޖަވާބުގައި ޝައިޚު ވިދާޅުވި އެވެ.

"ވިޔަފާރިވެރިންނާއި އެކި ބާވަތްތަކުގެ ތަކެތި އުފައްދާ މީހުން އެބައިމީހުންގެ މުދާތައް އިތުރުކުރުމަށްޓަކައި މިހާރު އެކި ބާވަތްތަކުގެ ކަންތައްތައް ކުރެއެވެ. އަދި މީސްތަކުންވަނީ އެފަދަ ތަކެތީގެ ތެރެއަށް ގެނބިފަ އެވެ. ކޮންމެ މީހެއްގެ ގޭގައި ވެސް އެތައް ވައްތަރެއްގެ ހިފައި ގެންގުޅޭ ސާމާނު ނުވަތަ އެތައް ވައްތަރެއްގެ އަންނައުނު ހުރެ އެވެ. މިއީ މިހާރު އަޅުގަނޑުމެންނަށް ފެންނަން ހުރި ކަންކަމެވެ. ކުންފުނިތައް ވަނީ ވަރަށް ބޮޑަށް މާއްދިއްޔަތަށް ގޮސްފައެވެ. އެބައިމީހުންގެ މުދާ ގަންނަ ފަރާތްތަކަށް ހަދިޔާ ހުށަހަޅައެވެ. ކޮންމެއަކަސް، ދެ ޝަރުޠެއް ފުރިހަމަވާ ނަމަ މިކަމުގައި ޝަރުޢީ ގޮތުން މައްސަލައެއް ނެތެވެ."

ފުރަތަމަ ޝަރުޠަކީ: މުދާ ވިއްކާ އަގަކީ އޭގެ ޙަޤީޤީ އަގުކަމުގައިވުން.

އެބަހީ: (މުދާ ވިއްކާ މީހާ) ހަދިޔާ ދިނުމަށްޓަކައި މުދަލުގެ އަގު އުފުލައިގެން ނުވާނެ އެވެ. ހަދިޔާ ދިނުމަށްޓަކައި އަގު އުފުލާނަމަ އެވާނީ ޖުވާއަށެވެ. އަދި އެކަން ހުއްދަ ނުވާނެ އެވެ.

ދެވަނަ ޝަރުޠަކީ: (މުދާ ގަންނަ މީހާ) ހަމައެކަނި ހަދިޔާ ހޯދުމަށްޓަކައި މުދާ ނުގަތުން.

މީހަކު އެއަށް ބޭނުން ޖެހިފައި ނުވާ މުދަލެއް، ހަމައެކަނި ހަދިޔާ ހޯދުމުގެ ބޭނުމުގައި ގަންނަކަމުގައިވާ ނަމަ އެކަން ވެގެން ދާނީ މުދާ ގެއްލެނި ކުރުމަށެވެ. ބައެއް މީހުން އެއަށް ބޭނުންވެފައި ނުވާ ޙާލުގައި، ހަމައެކަނި ހަދިޔާ ހޯދުމުގެ ގޮތުން ކިރުޕެކެޓް ފަދަ ތަކެތި ގަންނަކަމުގެ ވާހަކަ އަޅުގަނޑުމެންނަށް އިވިފައި އެބަ ހުއްޓެވެ. ފަހެ އެފަދަ މީހުން އެތަކެތި ގަނެފައި، އޭނާ އޭތި ބޭނުން ނުވާތީ، ފިހާރައިގެ ކައިރީގައި ނުވަތަ ގޭގެ ބޭރުގައި ބަހައްޓަ އެވެ.

މިއީ ހުއްދަ ކަމެއް ނޫނެވެ. އެއީ މުދާ ގެއްލެނި ކުރުމެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ވަނީ މުދާ ގެއްލެނި ކުރުން ނަހީކުރައްވާފަ އެވެ.”

[لقاء الباب المفتوح للعثيمين (48/5)]

މަސްދަރު: ދިސަލަފިއްޔާ