Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އެސްޓީއޯ އިން ރޯދައަށް ކާށި ގެނެސްފި

މި އަހަރުގެ ރޯދަ މަހަށް ހާއްސްކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކާށި ޝިޕްމަންޓެއް ރާއްޖެ ގެނެސްފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ އެ ކުންފުނިން އޯޑަރުކުރި ފުރަތަމަ ބެޗުގެ ކާށި މިހާރު ގެނައީ އިންޑިއާ އިން ކަމަށެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން މާދަމާ އިން ފެށިގެން ކާށި ވިއްކާނެ ކަމަށާއި ކާއްޓެއް ވިއްކާނީ ފަސް ރުފިޔާއަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ބާޒާރުގައި މި ވަގުތު ކާއްޓެއްގެ އަގު އުޅެނީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދު އެވެ.

އެސްޓީއޯ އިން ރޯދައަށް ހާއްސަކޮށްގެން ގެނައި ލުނބޯ ޝިޕްމަންޓް ވެސް މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ވިއްކާނެ އެވެ.

އެސްޓީއޯ އިން ބުނީ ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިއާލާ ކުރެވިފައިވާ ކަމަށެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް މި މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެ ކަމަށާއި އަދި އެއަށް ފަހުވެސް ގަވައިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:

އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ

ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު

ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ