Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ވައިގެ ކޮލިޓީ ދަށްވުމުން ޓޫރިޒަމަށް ނޭދެވޭ އަސަރުކޮށްފާނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ވައިގެ ކޮލިޓީ ދަށްވުމަކީ ޓޫރިޒަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމަށާއި ރާއްޖޭގެ ވައިގެ ކޮލިޓީ ކޮންމެ އަހަރަކު ދަށް ވަނީ ވެސް މި މޫސުމުގައި ކަމަށެވެ. މިކަން މިގޮތަށް ދެމިގެންދާނަމަ، ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށާއި މި ތަޣައްޔަރުވުމުގެ ގިނަ ބައެއް ރާއްޖެއަށް އަންނަނީ އެހެން ޤައުމުތަކުން ކަމަށްވާއިރު، މިކަމާ ކުރިމަތިލުމަށް އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 156ގަ އެވެ. މިގޮތަށް ދައްކާފައި ވަނީ ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސް ކެމްޕަސް އިމާރާތުގައި ބަހައްޓާފައި ހުރި އެއާ ކޮލިޓީ ސިސްޓަމުންނެވެ.

އެޗްޕީއޭ އިން ބުނީ ވައި ނުސާފު ދުވަސްތަކުގައި، ފުއްޕާމެއާ ހިތުގެ ބަލިތައް ހުންނަ ފަރާތްތަކުން ބޭރުގައި ގިނަވަގުތު ހޭދަކުރުން ރަނަގަޅު ނޫން ކަމަށާއި، ބޭރަށް ނިކުންނަ ނަމަ މާސްކު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ވެސް ބޭރުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން ތުއްތު ކުދިން ބޭރަށް ނުނެރުމަށާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިސްކަންދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ. އަދި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މިވަގުތަށް މަޑުޖައްސާލުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ވައި ނުސާފުވުމުގެ ސަބަބުން ހަމަ ލޮލަށް ދުރު ފެންނަ ގޮތާއި ދުރުމިން ވެސް މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.