ހައްޖާއި އުމްރާ ދަތުރަކަށް ހާއްސަކޮށްގެން އެކުލަވައިލާ މެޑިކަލް ޕޫލްގައި ރަޖިސްޓްރީވާން ހައްޖު ކޯޕޭޝަނުން ހުޅުވާލައިފި އެވެ.
އެ ޕޫލްގައި ހިމެނޭނީ ޑޮކްޓަރުންނާއި ނަރުހުންނެވެ. އަދި ދާއިރާތަކުގެ ތެރޭގައި މެޑިކަލް އޮފިސަރަކާއި ޖެނެރަލް ޕްރެކްޓިޝަނާއަކާއި ފިޒިޝަނަކާއި ކާޑިއޮލޮޖީ އާއި ނެފްރޮލޮޖީގެ އިތުރުން ނިއުރޮލޮޖީގެ ހާއްސަ ބޭފުޅަކު ޕޫލްގައި ހިމެނޭނެ އެވެ.
ހައްޖުކ ކޯޕަރޭޝަނުން ބުނީ އެ ދާއިރާތަކަށް މެޑިކަލް ޕޫލަށް ރަޖިސްޓްރީވާން ހުޅުވާލާފައި ވަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ކައުންސިލުން ގަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓާންޝިޕް ފުރިހަމަކޮށްފައިވުމުގެ އިތުރަށް ސިއްހީ ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާން ޖެހެ އެވެ.
މެޑިކަލް ޕޫލަށް ކުރިމަތިލާ ނަރުހުންނަކީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ އަދި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ވާން ޖެހޭނެ އެވެ.
މެޑިކަލް ޓީމްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ އުމްރާ އާއި ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާ ދޭން ޖެހޭ ބަލިމީހުނަށް ފަރު ވާދިނުމާއި ޞިއްޙީ އިރުޝާދުތައް ދިނުމެވެ. އަދި މައްކާ އާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށް ގޮސް ކުރަންޖެހޭ ކަންކަން ކުރުމެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މެޑިކަލް ޓީމް ޕޫލް އެކުލަވާކުމަށްފަހު ކޯޕަރޭޝަންގެ ފަރާތުން ކުރާ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިކުރާނެ އެހީތެރިން ހޮވާނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކަމަށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ކޯޕަރޭޝްންގެ ހޮޓްލައިން 1435 އާއި މެއިލް hr@mhcl.mv މެދުވެރިކޮށް ހޯދޭނެ އެވެ.