Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ސަލްޓަން ޕާކްގެ މަރާމާތަށް ބަޔަކު ހޯދަނީ

މާލޭގެ އެންމެ ހާއްސަ އެއް ތަން ކަމަށްވާ ސަލްޓަން ޕާކް މަރާމާތުކޮށް ދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

އެތަނުން ނެރުނު އިއުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމާ ގުޅޭ މައުލޫމާތު ސެޝަނެއް އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ހ. ހުޅުގަލީގެ އެއް ވަނަ ބުރީގައި ހުންނަ ކައުންސިލްގެ އިދާރާގައި އޮންނާނެ އެވެ.

ސަލްޓަން ޕާކްގެ މަރާމާތު ކުރާނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާންކުރި އިރު، އެތަނުގެ ހާލަތާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ސަލްޓަން ޕާކާއި ރަސްފަންނު ބީޗްގެ މިހާރުގެ ޙާލަތު ހިތާމަ ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ދެ ތަ ންވެސް ވީރާނާވަމުންދާ ކަމަށެވެ.

"މި ދެ ތަނަކީ ވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެ ތަން. މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށް ވުރެ ވެސް ފުރިހަމަކޮށް ދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން." ރައީސް ވިދާޅުވި އެވެ.

މާފަންނުކޮޅުގައި ހަދާފައިވާ ރަސްފެންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ހިތްގައިމުކޮށް ތަރައްގީކުރި ބީޗެކެވެ. އަދި އޭރު ސަލްޓަން ޕާކް ވެސް ގިނަ ވަސީލަތްތަކެއް އެކުލެވޭ ގޮތަަށް ތަރައްގީކުރި އެވެ.

މާލޭގެ ހާއްސަ ތަންތަނަށް އަޅާނުލެވި ވީރާނާވަމުންދާ އިރު، ވެރިރަށުގެ މޫނުމަތީގައިވާ ރަސްމީ ފާލަން ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެތަން ވެސް ބޮޑެތި ބަދަލުތަކަކާ އެކު އަންނަނީ މަރާމާތު ކުރަމުންނެވެ. އެ މަސައްކަތް ހަވާލުކޮށްފައި އޮތީ އެމްޓީސީސީ އެވެ.

ޔާމީންގެ ވެރިކަމުގައި ރަސްމީ ފާލަން ވެސް ހިތްގައިމު ގޮތަކަށް ތަރައްގީކުރި އެވެ. އެގޮތުން ރިޔާ ދޯނިތަކެއް ސިފަވާ ގޮތަށް ފާލަން ތަރައްގީކުރި އެވެ.