ދިވެހިން ދުޅަހެޔޮ ސިއްހަތަކަށް އަހުލުވެރިކުރުމަށް "ފަހި ސިއްހަތު" ގެ ނަމުގައި ގައުމީ ކެމްޕޭނެއް އިފުތިތާހުކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކެމްޕެއިން އިފުތިތާހުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
އެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އަލީ ވިދާޅުވީ މިފަދަ ކެމްޕެއިން ފެށީ އެ ޔުނިވާސިޓީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޑަބްލިއުއެޗްއޯއާ ގުޅިގެން ހެދުނު ސްޓެޕް ސާވޭން ދެއްކި ކަންބޮޑުވާ ނަތީޖާތަކުގެ ސަބަބުން ކަމަށެވެ.
ސްޓެޕް ސާވޭއިން ވަނީ ސިއްހަތަށް ނުރައްކާތެރި ކާނާ ބޭނުންކުރާ އާދަތައް އިތުރުވެފައިވާވުމާއި ގައިންގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ އެހެނިހެން ކަންތައްތައް އިތުރުވެ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އިތުރުވެފައި ވާކަމަށް ދައްކައިފަ އެވެ.
އެހެންވެ އެކަމަށް ރިއާޔަތްކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ރަނގަޅު ކަންތައްތަކެއް ފަށާފައިވާ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ. އެގޮތުން، އިތުރު ދިރާސާތައް ކުރުމާއި 'ދިގު ހިނގުން' ނަމުގައި ކެމްޕެއިނެއް ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން 10،000 ފިޔަވަޅުގެ ޗެލެންޖު ވެސް ޔުނިވަސިޓީން ކުރިއަށް ގެންގޮސްފައިވާ އިރު، އަންނަ ހަފުތާ ބަންދުގައި އެމްއެންޔޫ މެރަތަން ބޭއްވުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
ނަމަވެސް، ދެމެހެއްޓެނިވި ގޮތުގައި އެ ހަރަކާތްތައް ކުރިއަށް ގެންގޮސް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ކުރުމަށް އަމާޒުހިފީ އެހެން އިދާރާތަކާ ގުޅިގެން ގައުމީ ފެންވަރުގައި ކެމްޕެއިނެއް ފަށަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ޔުނިވާސިޓީއާ ހަވާލުކުރުމުން ކަމަށް ޝެހެނާޒް ވިދާޅުވި އެވެ.
ކެމްޕެއިންގެ ދަށުން ޔުނިސެފާ ގުޅިގެން އަންނަ ރޯދަ މަހު ޚާއްސަ ކެއްކުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ. ޝެހެނާޒް ވިދާޅުވީ އެ ޕްރޮގްރާމުގައި އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ ދަރިވަރުންނާއި މުވައްޒަފުން ސިއްހަތަށް ފައިދާ ހުރި ކާނާ ބޭނުންކުރުމުގެ އާދާ އާލާކުރުމަށް ފައިދާ ހުރި ކާނާގެ ބާވަތްތައް ދައްކައިދޭނެ ކަމަށެވެ.