ހަރުކަށި ނުވަތަ ޙައްދު ފަހަނައެޅި ޤައުމެއްގެ ގޮތުގައި ރާއްޖެ ޞިފަކުރާނެ ޖާގައެއް ނެތް ކަމަށާއި، ރާއްޖޭގައި އެ މައްސަލައަށް ޤާނޫނީ ގޮތުންނާއި ޢިލްމީ ގޮތުންވެސް ވަރަށް ރަނގަޅަށް ފަރުވާކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރޭ ބާއްވި "އަހާ" ފޯރަމްގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވުމާއެކު، އެހެނިހެން އިސްލާމީ ޤައުމުތަކާ އަޅާބަލާ އިރު ރާއްޖެ އަކީ ވަރަށް ބޮޑަށް އެއްބައިވަންތަ ޤަައުމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ އިސްލާމީ މަންހަޖާއި ފިކުރުގެ ގޮތުން ސުންނީން ކަމަށާއި ދިވެހިންނަކީ ޒަމާނުއްސުރެ ދީނުގެ މެދުމިން އުޞޫލުތައް ހިފަހައްޓަމުން އަންނަ ބައެއް ކަމަށެވެ. އަދި ޙައްދު ފަހަނައެޅުމާއި ހަރުކަށި ފިކުރަކީ ދިވެހިންގެ މެދުގައި ޢާންމު ކަންތައްތަކެއް ނޫން ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.
ރާއްޖެ އަކީ ޙައްދު ފަހަނައެޅި ޤައުމެއްގެ ގޮތުގައި ޞިފަކުރާނެ ޖާގައެއް ނެތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެހެނިހެން އިސްލާމީ ޤައުމުތަކުގައި ޙައްދު ފަހަނައެޅުން ފަދަ މައްސަލަތައް އޮތް މިންވަރަށް އެފަދަ މައްސަލަތައް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ރާއްޖޭގައި ޢިލްމީ ގޮތުންނާއި ޤާނޫނީ ގޮތުން އެފަދަ ކަންކަމަށް ވަރަށް ރަނގަޅަށް ފަރުވާކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ ރާއްޖެއަކީ ހަރުކަށި ޙައްދުފަހަނައެޅި ޤައުމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ބައެއް ފަރާތްތަކުން ޞިފަކުރާތީ އެފަދަ ވާހަކަތައް ފަތުރައި އެކަން ނުކުރަން ނަޞޭޙަތްތެރިވާ ކަމަށެވެ.
"ރާއްޖެއަކީ ހުރިހާ އެންމެންނަށްވެސް އިޙުތިރާމުކުރާ ޞުލްޙައަށް ލޯބިކުރާ، އެހެން ދީންތަކުގެ މީހުންނަށް ވެސް ޢަދުލުވެރި ގޮތުގައި އިޙުސާންތެރިވާ އެންމެނަށް އިޙުތިރާމުކުރާ ޤައުމެއް،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމާ ރާއްޖެ އަަކީ ޙައްދު ފަހަނައަޅާފައިވާ މުޖުތަމަޢެއްގެ ގޮތުގައި ޞިފަކުރަން އެއްވެސް ޖާގައެއް އޮތްކަމަށް ނުދެކެން."
މިނިސްޓަރު ވިދާޅުވީ ޙައްދުފަހަނައެޅި ފިކުރުތަކުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ތަރުބިއްޔަތަށް އިސްކަންދީގެން އިސްލާމް ދީނުގެ އުޞޫލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން "ރިސާލާ" ގެ ނަމުގައި އެފަދަ މައްސަލަތަކާ ގުޅޭ ހޭލުންތެރިކަން އިތުރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.