ކުރިއަށް އޮތް ރޯދަ މަހު އައްޑޫ ހުޅުމީދޫގައި މަދަހަ މުބާރާތެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ހުޅުދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ މި މަދަހަ މުބާރާތަކީ ހުޅުދު އާއި މީދޫގެ މުވައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރުކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
އެހެންވެ "އޮފީސްތަކުގެ މަދަހަ މުބާރާތް 1446" ގެ ނަމުގައި ބާއްވާ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުމީދޫގެ ހުރިހާ މުވައްސަސާތަކަށާއި ޖަމިއްޔާތަކަށް ވަނީ ހުޅުވާލައިފަ އެވެ.
މުބާރާތް ރޭވިފައި ވަނީ ވަކިވަކި މުވައްސަސާތަކުންމާއި އަދި ޖަމިއްޔާތަކުން ސޯލޯކޮށް އަދި ގްރޫޕްކޮށް ވީޑިއޯ ޕްރެޒެންޓޭޝަން މެދުވެރިކޮށް މަދަހަ ހުށަހަޅާ ގޮތަށެވެ.
މުބާރާތުގައި ވަނަތައް ހޮވާނީ ސޯލޯ ޕްރެޒެންޓޭޝަނުން ގަދަ ތިނަކާއި ގްރޫޕް ޕްރެޒެންޓޭޝަނުން އެންމެ މޮޅު އެއްވަނަ އަދި މުޅި މުބާރާތުން އެއް ވަނަ މުވައްސަސާ ހޮވާ ގޮތަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 27 ގެ މެންދުރު ފަހު 2:00 އާ ހަމައަށެވެ.
ރޯދަ މަހު މަަރަދޫ އަވަށު އޮފީހުން ވެސް މަދަހަ މުބާރާތެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.