ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމެއް ބަހައްޓައިފި އެވެ.
މިރޭ އޮތް ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވާދެއްވީ އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި، އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްްމަދު ސައީދެވެ.
ބީއެމްއެލުން ބުނީ މި އޭޓީއެމުން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރު ވެސް ހިތަދޫ ބްރާންޗުގައި ދެ އޭޓީއެމެއް ބީއެމްއެލް އިން ވަނީ ބަހައްޓައިފަ އެވެ، އޭގެ ތެރެއިން އެއް އޭޓީއެމް ހާއްސަކޮށްފައި ވަނީ ސެލްފް ސާވިސް ބޭންކިންގެ ހިދުމަތަށެވެ. ދެ ވަނަ އޭޓީއެމް ހާއްސަކޮށްފައި ވަނީ ފައިސާ ނެގުމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މި ޚިދުމަތާއެކު ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތަކުން ބޭރުގައިވެސް ޔޫއެސްޑީގެ މުޢާމަލާތްތައް ކުރެވޭނެ ކަމަށާއި މިއީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ހިދުމަތެއް ކަމަށެވެ.
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމާއި، އަދި ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ ސަރުކާރުގެ އެހީތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ހިންގޭ ޕްރޮޖެކްޓެއް ކަމަށްވެސް ވިދާޅުވި އެވެ.