ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާމިޔާބީ ދަތުރުގައި އައްޑޫ ސިޓީއަކީ ހާއްސަ މަގާމެއް ލިބިފައިވާ ތަނެއް ކަމަށް އެ ބޭންކްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މިރެއަކީ ބީއެމްއެލް އާއި އައްޑޫ ރައްޔިތުންނަށް އަނެއްކާވެސް އިތުރު އުފާވެރިކަމެއް ލިބިގެންދާ ރެއެއް ކަމަށާއި މިއީ ހަމައެކަނި އައު ޚިދުމަތެއް ތަޢާރަފުކުރުމެއް ނޫން ކަމަށްވާއިރު، މިއީ އައްޑޫ އާއި އެ ސިޓީގެ ރައްޔިތުންނާއި ބީއެމްއެލްއާ ދެމެދު އޮތް ދުވަސްވީ ގުޅުމުގެ ލާމަސީލު ރަމްޒެއް ކަމަށެވެ.
"ބީއެމްއެލްގެ މި ކާމިޔާބީ ދަތުރުގައި އައްޑޫ ސިޓީއަކީ ޚާއްޞަ މަޤާމެއް ލިބިފައިވާ ތަނެއް. އަތޮޅުތަކުގައި އަޅުގަނޑުމެންގެ ފުރަތަމަ ގޮފި ހުޅުވީ އައްޑޫގައި. މިއަދު އައްޑޫ ސިޓީއަކީ 3 ބްރާންޗާއި 9 އޭޓީއެމް އާއި ކޮންޓެކްޓް ސެންޓަރާއި އެކު މާލެ ފިޔަވައި ބީއެމްއެލްގެ އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ތަން ވެސްމެ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މި ޚިދުމަތާއެކު ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތަކުން ބޭރުގައިވެސް ޔޫއެސްޑީގެ މުޢާމަލާތްތައް ކުރެވޭނެ ކަމަށާއި މިއީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ހިދުމަތެއް ކަމަށެވެ.
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމާއި، އަދި ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ ސަރުކާރުގެ އެހީތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ހިންގޭ ޕްރޮޖެކްޓެއް ކަމަށްވެސް ވިދާޅުވި އެވެ. ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކު ކަމަށާއި އެ ބޭންކަކީ ރައްޔިތުންގެ ކުރިއެރުމުގެ ބައިވެރިއެއް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތަޢާރަފުކުރާ ކޮންމެ ޚިދުމަތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެއް މަޤްޞަދަކަށްޓަކައި ކުރާ ކަމެއް. އެއީ ތިޔަ ބޭފުޅުންނަށް އިތުރަށް ޚިދުމަތް ކުރުން. ތިޔަ ބޭފުޅުންގެ ތަރައްގީ އަށް އެހީވެދިނުން،" ޝަރީފް ވިދާޅުވި އެވެ.