Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ސައީދު ހެދީ ދޮގު، އިންފްލޭޝަން ތިން ޕަސެންޓުގައި ނުހުންނާނެ

ކުރީގެ ރައީސް ޔާމީން އާއި މުހައްމަދު ސައީދު - ފޮޓޯ: މިހާރު

ރާއްޖޭގެ އިންފޭޝަން ރޭޓު ތިން ޕަސެންޓުން ދަށުގައި މެނޭޖް ކުރެވިފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ވާހަކަތަކަކީ ބުހުތާނު ދޮގެއް ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ރާއްޖޭގެ އިންފްލޭޝަން ރޭޓް މި އަހަރުގެ މިހާތަނަށް ދާއިރު ހަތް ޕަސެންޓް ހުރަސްކުރާނެ ކަމަށް ވޯލްޑް ބޭންކުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާންމުކުރި ރިޕޯޓުގައި ލަފާކޮށްފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު، ރާއްޖޭގެ އިންފޭޝަން ރޭޓު ތިން ޕަސެންޓުން ދަށުގައި ހިފެހެއްޓިފައިވާ ކަމަށެވެ.

ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އެއީ ރޯ ބުހުތާން ވާހަކައެއް ކަމަށާއި، ރާއްޖޭގެ އިންފްލޭޝަން މިވަގުތު ތިން ޕަސެންޓުގައި ނުހުންނާނެ ކަމަށެވެ. ސައީދު އެގޮތަށް ވިދާޅުވީ ނަމްބަރެއް ހަމަ ވިދާޅުވުމުގެ ނިޔަތުގައި ކަމަށާއި އެއީ ކާކު ހެއްދެވި ހިސާބެއްތޯ ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅިގެން އަންދާޒާކުރި އެއްވެސް ކަމެއް މިހާތަނަށް ކައްސާލައިގެން ނުދާ ކަމަށާއި، އެހެންކަމުން އިންފްލޭޝަން ތިން ޕަސެންޓަށް ތިރިކުރީ ކޮން ޖާދުލެއް ހަދައިގެންކަން ސަރުކާރުން ބުނެދޭންޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ތިމަންމާމެން އިގުތިސާދު މެނޭޖުކޮށްފީމޭ އިންފްލޭޝަން މި ހުރީ ތިން ޕަސެންޓުގައޭ، މިއީ ހަމަ ރޯ ބުހުތާން ވާހަކަ. ރާއްޖޭގެ އިންފްލޭޝަން މި ވަގުތު ނުހުންނާނެ ތިން ޕަސެންޓުގައެއް. އިމްޕޮސިބަލް. އެކަމު ހަމަ ފިގާއެއް ބުނަން ވެގެން ބުނަނީ. ކާކު ހެދި ހިސާބެއްތޯ މިއީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ ރައްޔިތުން މިހާރު މާ ހޭލުންތެރިކަން ސައީދުމެން ގަބޫލުކުރަން ވާނެ ކަމަށާއި މިފަދަ ވާހަކަތައް ނުދައްކާ ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ވެސް ގޮވާލާފަ އެވެ.