Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ގެސްޓްހައުސް ފައިނޭންސް އަށް ގެނައީ އައްޑުއަށް މުހިންމު ބަދަލެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގެސްޓްހައުސް ފައިނޭންސިންއަށް ގެނައީ އައްޑޫ ސިޓީއަށް މުހިއްމު ބަދަލެއް ކަމަށް އެ ބޭންކްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މިދިޔަ ހަފްތާގައި ވިޔަފާރިތަކަށް ބީއެމްއެލް އިން ދޫކުރާ ފައިނޭންސްތަކަށް ގެނައި ހެޔޮ ބަދަލުތަކުގެ ތެރެއިން އައްޑޫ އަށް އެންމެ މުހިއްމު އެއް ބަދަލަކީ ގެސްޓްހައުސް ފައިނޭންސިންއަށް ގެނައި ބަދަލުތައް ކަމަށެވެ.

އެގޮތުން ކަސްޓަމަރުންނަށް ކުރިން ދިމާވާ އެންމެ ބޮޑު ދައްޗަކީ، މިފަދަ ލޯނަކަށް އެދި ހުށަހަޅާއިރު އިތުރު އިމާރާތާއި ގޯތި ރަހުނުކުރަން ޖެހުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިހާރު މިގެނެވުނު ބަދަލާއިއެކު ޢިމާރާތްކުރާ ގެސްޓްހައުސް މޯގޭޖް ކުރުމަށްފަހު އިތުރު ރަހުނަކާއި ނުލައި އެ ޕްރޮޖެކްޓްގެ 70 ޕަސެންޓާއި ހަމަޔަށް ފައިނޭންސިން ހަމަޖެހިގެންދާނެ. މިގޮތުން ކައުންސިލް އިން ކުއްޔަށް ދީފައިވާ ބިންތަކުގައިވެސް ގެސްޓްހައުސް އެޅުމަށް ލޯނު ނެގިދާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައް ވެސް ލުއިކޮށްފައިވާނެ ކަމަށާއި މި ބަދަލުތަކުގެ ތެރެއިން ބައެއް ބަދަލުތައް ފަރުމާކޮށްފައިވަނީ ޚާއްޞަކޮށް އައްޑޫ ސިޓީ ފަދަ ސިޓީތަކުގައި، ގެދޮރުވެރިކަން ހޯދުމަށް އެހީތެރިވުމަށާއި ގެސްޓްހައުސް ޢިމާރާޓްކުރުމަށާއި ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ލިބޭނެފަދަ ގޮތަކަށް ކަމަށެވެ.

ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކު ކަމަށާއި އެ ބޭންކަކީ ރައްޔިތުންގެ ކުރިއެރުމުގެ ބައިވެރިއެއް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަޢާރަފުކުރާ ކޮންމެ ޚިދުމަތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެއް މަޤްޞަދަކަށްޓަކައި ކުރާ ކަމެއް. އެއީ ތިޔަ ބޭފުޅުންނަށް އިތުރަށް ޚިދުމަތް ކުރުން. ތިޔަ ބޭފުޅުންގެ ތަރައްގީ އަށް އެހީވެދިނުން،" ޝަރީފް ވިދާޅުވި އެވެ.