ރާއްޖެ އަށް މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 214،863 ޓޫރިސްޓުން އައި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އެތަނުން މިއަދު އާންމުކުރި މިދިޔަ މަހުގެ ޓޫރިސްޓް އެރައިވަލްސް ދައްކާ ގޮތުން ޖުމްލަ 214،863 ޓޫރިސްޓުން އައި އިރު، މިއީ މިދިޔަ އަހަރުގެ ޖެނުއަރީއާ އަޅާ ބަލާ އިރު، 11.6 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ރާއްޖެ އައީ 192،381 ޓޫރިސްޓުންނެވެ.
މިދިޔަ މަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6،931 ޓޫރިސްޓުން އައިސްފައިވެ އެވެ. އެގޮތުން ޖެނުއަރީ މަހުގެ ތެރޭގައި އެއް ދުވަހެއްގައި އެންމެ ގިނަ ޓޫރިސްޓުން އައި އަދަދަށް ބަލާ އިރު، 9،199 ޓޫރިސްޓުން އައި އިރު، އެންމެ މަދުން ޓޫރިސްޓުން އައި ދުވަހު 5،259 ޓޫރިސްޓުން އަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޖުމްލަ 334،698 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 8.2 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 309،411 ޓޫރިސްޓުންވެ.
މިހާރު ރާއްޖެ އަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7،276 ޓޫރިސްޓުން އަންނަ އިރު، މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަކީ ޗައިނާ (53،222 ޓޫރިސްޓުން)، ރަޝިއާ (32،721 ޓޫރިސްޓުން)، އިނގިރޭސިވިލާތް (31،925ޓޫރިސްޓުން)، އިޓަލީ (30،159 ޓޫރިސްޓުން) އަދި ޖަރުމަން (19،751 ޓޫރިސްޓުން) އެވެ.