ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަންތަކުގެ ތެރެއިން ހިންނަވަރުގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ މ. ނަލަހިޔާމަންޒިލް، މާލެ، ހަސަން މުނާޒް، 40، ކަމަށެވެ. މި މަހުގެ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނަ ހައްޔަރުކޮށް، ހިންނަވަރުގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވެ އެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 66.02 ގްރާމް ހުއްޓެވެ.
އަދި ހަމަ މި މަހުގެ 14 ވަނަ ދުވަހު ނައިފަރުގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ނަގިލިޖެހިގޭ، ޢަލީ މުޙައްމަދުފުޅު، 54، އާއި އެ ރަށު ޑޭޒީހިޔާ، އަހުމަދު ވިއާމް، 26، އެވެ.
ޢަލީ ހައްޔަރުކޮށް އޭނާއާ ގުޅުން ހުރި ކަމަށް ބެލެވޭ ދެ ތަނެއް ބަލައިފާސްކުރިއިރު ފަސް ދަޅު ބަނގުރާ ފެނިފައިިވެ އެވެ. ވިއާމް ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. އެ ތަކެތީގެ ވަގުތީ ބަރުދަން 12 ގްރާމަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.
މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން މުނާޒް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
އަދި ޢަލީގެ ބަންދށް ފުރަތަމަ ޖެހި ދެ ދުވަސް ހަމަވެގެން އަލުން ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވެ އެވެ. ވިއާމްގެ ބަންދަށް ޖަހާފައި ވަނީ 12 ދުވަހެވެ.
ފުލުހުން ބުނީ ތިން މީހުން ވެސް ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.