ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުންނާއި ޕާޓީ ބަދަލު ކުރެއްވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި ފަށައިފި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދީޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ. ގޮނޑީގެ މައްސަލަ އޭނަ ކޯޓަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 24 ގަ އެވެ.
ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން އިސްލާހު ގެނައީ ނޮވެންބަރު 20 ގަ އެވެ. އެ މައްސަަލަ ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެ ދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުވެސް ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ ތިން މަހެއްހައި ދުވަސް ފަހުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ފެށީ 11:00 ގަ އެވެ.
ކޯޓުގައި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓްގެ މުޅި ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަ ވަނީ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ. ބެންޗުގައި ދެން ތިއްބަވާނީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔަރު ޙުސްނުއްސުއްސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.