ފިޝަރީޒް މިނިސްޓްރީ އާއި ޗައިނާގެ ފުޖިއާން ރިސާޗް އިންސްޓިޓިއުޓާ ގުޅިގެން ފާނަ އާއި ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.
ކ. މަނިޔަފުށީގައި ކުރިއަށްދާ މި ޕްރޮގްރާމުގައި މިނިސްޓްރީގެ 20 މުވައްޒަފަކަށް ތަމްރީނު ދެނީ ޗައިނާގެ ހަ ޕްރޮފެސަރެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީނުގައި ފާނަ އާއި ހުއިފިލަނޑާ އާލާކުރާނެ ގޮތުގެ އިތުރުން އެ ދެ ބާވަތަށް ބޭނުންވާ ކާނާ ތައްޔާރުކުރުމާއި ބެލެހެއްޓުމުގެ މައުލޫމާތު ވެސް ދޭނެ ކަމަށެވެ.
މި ޕްރޮގްރާމަކީ ފާނަ އާއި ހުއިފިލަނޑާގެ ސްޓޮކް ދަށްވަމުން ދިއުމާ ގުޅިގެން މިނިސްޓްރީގެ އެދުމަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ ޗައިނާއާ ގުޅިގެން މިފަދަ ތަމްރީނެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
މިނިސްޓްރީން އަންނަނީ ރާއްޖޭގެ މެރިކަލްޗަ ދާއިރާ ތަރައްގީކޮށް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.