ކުރިއަށް ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1،500 ޑޮލަރު ދޭން ނިންމައިފިއެވެ.
އުމްރާ އަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރު ލިމިޓެއް ހަމަޖައްސައި ދޭން ބޭންކުން ނިންމީ އެ އިންތިޒާމު ހަމަޖައްސަވާނެކަން ރައީސް މި މަހުގެ 10 ގައި ވިދާޅުވުމާ ގުޅިގެންނެވެ.
ގައުމީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކާޑަށް ދޫކުރާ ލިމިޓް ބޭނުން ކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއާގައި ކަމަށާއި ލިމިޓު ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް ޑެބިޓް ކާޑަށް ކަމަށެވެ. ބޭންކުން ބުނީ އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް އެކަން ފަހިކޮށްދިނުމުގެ ގޮތުން އުމްރާ ގްރޫޕްތަކުން އެ ކަމުގައި އަމަލު ކުރަންވީ ގޮތުގެ ތަފްސީލް ގްރޫޕްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.
އުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރާ އުމްރާވެރިން، ފުރުމުގެ ފަސް ދުވަސް ކުރިން ބޭންކު (ބަންދު ދުވަސްތައް ފިޔަވައި) ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ބޭންކުން ކާޑު ލިމިޓް ހަމަޖައްސައިދޭނެ ކަމަށް ބޭންކުން ބުންޏެވެ.
ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން ހުރިހާ އުމްރާ ވެރިންނަށް ވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ އެވެ.