Last Updated: April 20, 17:57
Sunday, April 20, 2025
ޚަބަރު

ހަރަދުތައް ކުޑަކުރެވޭ ތަނެއް ނުފެނޭ: ނާޒިމް

ހަރަދުތައް ކުޑަކުރެވެވި އިގުތިސާދު ވެސް ރަނގަޅުވަމުން އަންނަ ތަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަހު މުސާރައިގެ ގޮތުގައި ލިބެން ޖެހޭ ޕެންޝަން ނުލިބޭ ކަމަށް ބުނެ އޮޑިޓާ ޖެނެރަލް އޮފީހުގެ މުވައްޒަފަކު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެން އެ ކޮމިޓީގައި ކުރި މަޝްވަރާތަކުގެ ތެރޭގައި ނާޒިމު ވިދާޅުވީ ޕެންޝަން ދިނުމުގައި ހުރި ތަފާތުތައް ނައްތާލަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދޭތާ އެތަކެއް އަހަރެއް ވެފައިވާއިރު އެ މައްސަލަ ހައްލުވާ ތަނެއް ވެސް ނުފެންނަ ކަަމަށެވެ.

ނަމަވެސް އޭގެ ބަދަލުގައި ފެންނަނީ އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން ލަސްވާ މަންޒަރު ކަމަށް ވިދާޅުވި އެވެ.

ދައުލަތުން އަލަށް ރިޓަޔާކުރާ މީހުންނަށް މަހުންމަހަށް ދޭ އެލަވަންސް މިދިޔަ މަހުން ފެށިގެން ކަނޑާލަން ނިންމައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގައި ނެރުއްވި ސާކިއުލާ އަށް އިޝާރާތް ކުރައްވައި ނާޒިމު ވިދާޅުވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އެ ސާކިއުލާ އަނބުރާ ގެންނަން ފިނޭންސުން ނިންމި ކަމަށެވެ. ފިނޭންސުން އެ ސާކިއުލާ އަނބުރާ ގެނައި އިރު ޕެންޝަން ނިޒާމުގައި ހުރި ތަފާތުކުރުންތައް ނައްތާލައި ޑަބަލް ޕެންޝަން އުވާލުމަކީ ސަރުކާރުގެ ރިފޯމް އެޖެންޑާގައި ހިމެނޭ ހަރަދު ކުޑަކުރުމުގެ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

"[ޕެންޝަން] ރިފޯމަކީ މިއީ އައިއެމްއެފްއިން ވެސް ވާލްޑްބޭންކުން މި ރާއްޖޭގެ އިގުތިސޯދީ ރިފޯމް އެޖެންޑާ ތެރޭގައި ތަންފީޒުކުރަން ބުނެފައި އޮތް އިސްލާހެއް އެ އިސްލާހަކީ" ނާޒިމު ވިދާޅުވި އެވެ. ""ސަބަބަކީ އެކި ގޮތްގޮތަށް ރިޓަޔާކުރެވޭ މީހުންތަކެއް މި އުޅެނީ އިނގޭތޯ އެކި ގާނޫނުގެ ދަށުން. އެންމެންނަށް އެއް ގޮތަކަށް ނެތޭ. މިސާލަކަށް ދަންނަވަންޏާ ފުލުހުން ވެސް ސިފައިން ވެސް އެބަ ރިޓަޔާކުރެވޭ. އަނެއްކާ ރިޓަޔާކުރައްވާފައި އެހެން މަގާމުތަކަށް ވެސް އެބަ ދެވޭ."

އޭނަ ވިދާޅުވި ގޮތުގައި ރިޓަޔަމަންޓު ޕެންޝަނަށް ގެންނަ ބަދަލުތައް ގެނައުމުގެ މައްސަލަ ފިނޭންސުން އަނބުރާ ގެންދެވި ނަމަވެސް އެ ރިފޯމް އެބައޮތް ކަމަށެވެ. އަދި މިއީ ގާނޫނެއް ބަދަލު ގެނެސްގެން ވާނެ ކަމެއް ނޫން ކަމަށާއި މިއީ ބައިވަރު ގާނޫނު ބަދަލުކޮށްގެން ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.

މިކަން ހިނގަމުންދާ ގޮތް ސާފުކުރަން ފިނޭންސް މިނިސްޓަރާއި ރިފޯމް މަސައްކަތަށް ހާއްސަކޮށް އުފައްދާފައިވާ ރިފޯމް ކޮމިޝަނަރު ވެސް ހާޒިރުކުރެވޭނެ ކަމަށް ވެސް ނާޒިމުވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އިގުތިސޯދު ކަންތައް ރަނގަޅުވަމުން ދާތަނެއް އަދިއެއް ނުއެއް ފެނޭ އިނގޭތޯ ފެނިގެނ،ް" އޭނަ ވިދާޅުވި އެވެ. "ނުދާ ތަނުގައި ހަރަދުތައް ކުޑަކުރެވޭތީއެއް ވެސް ނުފެނޭ."

އެހެންވެ ނާޒިމް ހުށަހެޅުއްވީ ރިފޯމް ކޮމިޝަނަރާ މާލިއްޔަތު ކޮމިޓީން ބައްދަލުކޮށް ރިފޯމްތައް ގެންނާނެ ޓައިމްލައިނެއް ސާފުކޮށް އެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރަން ކަނޑައެޅުމަށެވެ.