ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގައި ދަތިތައް ކުރިމަތިވާތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ އެލައިޑް އިންޝުއަރެންސް އިންނެވެ.
މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ ހެލްތު އިންޝުއަރެންސާއި ގުޅޭގޮތުން ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެން ތިމަރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ރިޔާޒު ވިދާޅުވީ އިންޝުއަރެންސްއަށް މެންބަރުންގެ އަތުން ވެސް ބޮޑު އަދަދެއް ނަގާއިރު، އެ ހިދުމަތް ހޯދުމުގައި ތަކުލީފެއް ކުރިމަތިވެގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑު ދާދި ފަހުން ބޭރަށް ހިނގައްޖެއިން ޑޮކްޓަރަށް ދެއްކުމަށް. ދިޔައީ އެލައިޑު އިންޝުއަރެންސްގެ ލެޓާއެއް ވެސް ހިފައިގެން. ކަން ދިމާކުރި ގޮތުން ވަކި ޑޮކްޓަރަކަށް ދެއްކުނީ އެ ލެޓާ ބޭނުންކޮށްގެން. ދެން އެހެން ޑޮކްޓަރަކަށް ދައްކަން ޖެހުނީ ރީއެމްބާސް ކުރާ ގޮތަށް އަޅުގަނޑުމެން ޕޭކުރަން ޖެހުނު. އެއީ އެކަން ހިނގައިގެން ވާނެ ގޮތެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ރާއްޖެ އައިސް އެ ފައިސާ ހޯދަން ތަންތަނަށް ސިޓީ ހުށަހަޅައިގެން އިތުރު ތަކުލީފެއް އުފުލަން ޖެހިގެން ނުވާނެ ކަމަށާއި އެގޮތުން އިންޑިއާ އަށް ކުރި ދަތުރަށްފަހު ފައިސާ ހޯދަން ހުށަހެޅުމުން ފޯމު ރިޖެކްޓްކޮށްލީ ކަމަށެވެ.
"އަޅުގަނޑު އެ ބޭފުޅުންނަށް ވަޓްސްއެޕް ކޮށްލިން، އަޅުގަނޑަކީ މެމްބަރެކޭ އަޅުގަނޑުމެން މިހެން ހުށަހަޅާ އެއްޗެހި ތިބޭފުޅުންނަށް ރިޖެކްޓެއް ނުކުރެވޭނެޔޭ، ކޮށްގެން ނުވާނެޔޭ. އަޅުގަނޑު ވެސް ވަރަށް ބޮޑު ހަރަދެއް ކޮށްފައި އައީ. އެކަމަކު ލިބުނީ 3،000 ދިވެހި ރުފިޔާ. އެހެންވީމާ މިގޮތަށް މި ކަންކަން ހިނގައިގެން ނުވާނެ،" ރިޔާޒު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ކޮމިޓީގައި ތިއްބެވި ގިނަ މެމްބަރުން ވާހަކަ ދެއްކެވިރު މައިކް ނުޖައްސަވަ އެވެ. މި މައްސަލައާ މެދު ކޮމިޓީން ނިންމި ގޮތެއް ވެސް އެނގިފައެއް ނުވެ އެވެ.