ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު އައިޝަތު އަޒީމާ، ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފި އެވެ.
އަޒީމާ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއަށް އެރުވީ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާސްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި އަޒީމާ ވަނީ އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ތަރައްގީ އަށް ފޯރުކޮށްދެމުންދާ އެހީތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އިންޑިއާއާއެކު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރަން ގާތުން މަސައްކަތް ކުރަން ދިވެހި ސަރުކާރު ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ވެސް އަޒީމާ ވަނީ އިންޑިއާގެ ރައީސަށް އަރުވާފަ އެވެ.
އަޒީމާ އަކީ ރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ވެސް ކުރިން އަދާ ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު ވެސް އޭނަ އަދާކުރެއްވި އެވެ.
އަޒީމާ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ 1988 އިން ފެށިގެންނެވެ.