ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުންނާއި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި ވަނީ ފަށާފަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މި މައްސަލައަކީ ގާނޫނުއަސާސީގައި ބުނާ ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ފެތޭ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، މި މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އަދި ގާނޫނުއަސާސީގެ އެއް މާއްދާ އަނެއް މާއްދާއާ ފުށުއަރާ ކަމަށް ބުނެ ހުށަހަޅާ މައްސަލައެއް ދުސްތޫރީ މައްސަލައެއް ގޮތުގައި ނުބެލޭނެ ކަމަށްވެސް ބުންޏެވެ.
އެ ވާހަކައަށް ތާއީދުކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންތި ވިދާޅުވީ ގާނޫނުއަސާސީ ބަދަލު ގެނައުމާއި ނުގެނައުމުގެ ބާރު ދީފައި އޮތީ ރައްޔިތުންގެ މަޖިލިހަށް އެކަނި ކަމަށެވެ. އެ ކަމަށް ބާރުދެއްވަމުން އިންތި ވަނީ އެމެރިކާގެ ގާނޫނަށް ގެނައި 18ވަނަ އިސްލާހާއެކު ބަނގުރާ މަނާކުރުމުން، އެއީ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބުންކަމަށް އެ ގައުމުގެ ބައެއް ރައްޔިތުން ދެކުނު ނަމަވެސް، އެ ގާނޫނަށް އޭރު އަމަލުކުރި ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ފަހުން އެކަން ބަދަލުކުރީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ ގާނޫނުއަސާސީއަށް 21 ވަނަ އިސްލާހު ގެނެސް، ބަނގުރާ މަނާކުރަން ނިންމި ނިންމުން އުވާލުމުން ކަމަށްވެސް އިންތި ވިދާޅުވި އެވެ.
"އެކަމުގައި ސުޕްރީމް ކޯޓުން އެއްވެސް ރޯލެއް އަދާކޮށްފައެއް ނުވޭ،" އިންތި ވިދާޅުވި އެވެ.
އިންތި ވަނީ ގާނޫނުއަސާސީއަށް އުނި، އިތުރެއް ގެނައުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލިހަށްކަން މިކަމުން ދޭހަވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
އިންތި މިހެން ވިދާޅުވި އިރު މި މައްސަލައިގެ ތެރެއަށް ތަދައްހުލުވާން ޑިމޮކްރެޓްސް އިން ވެސް ހުށަހަޅާފައިވެ އެވެ. އެ ނިންމުން އެ ޕާޓީން މިހާތަނަށް ބަދަލުކޮށްފައެއް ނުވެ އެވެ.