ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)ގެ ދަރަނީގެ މައްސަލައާ ގުޅިގެން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޮކްޓޯބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ.
ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން އަމިއްލަ ފަރާތުން ދާދިފަހުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ދަރަނި ނުދައްކާ ކަމަށް ބުނެ އެމްއައިބީން ވެސް ކޯޓަށް މައްސަލައެއް ހުށަހެޅިފަހުން ކަމަށް މައުލޫމާތު ލިބެ އެވެ.
ކޯޓުތަކަށް މައްސަލަ ވެއްދިފަހުން އެ ލޯނަށް ދައްކަންޖެހޭ ފައިސާ ސިނާން ދައްކާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ޕީއެންއެފުން މިދިޔަ އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޔާމީން ވިދާޅުވީ ސިނާންގެ ދަރަނީގެ މައްސަލައާ ގުޅިގެން އެމްއައިބީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިޔުމަށް ސީދާ ރައީސް މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށާއި އެކަން އެގޮތަށް ކޮށްދެވިދާނެތޯ ބަލަން އެމްއައިބީގެ އިސް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި ކޯޓުތަކުގެ ލިޔެކިޔުންތައް ބަދަލުކުރަން ވެސް ރައީސް މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.
"މި މައްސަލައިގެ ތެރެއަށް ސީދާ ވަދެގެން އެމްއައިބީ އަށް ވެސް އަދި ޖުޑިޝަރީގެ ތެރޭގައި ވެސް މިކަން ކުރައްވާ ބޭފުޅަކީ މުއިއްޒު. އަޅުގަނޑަށް ހަމަ ވަރަށް ރަނގަޅަށް އެނގޭތީ މި ދަންނަވަނީ. މިހާ ގޯހޭ މި ބޭފުޅުންގެ ކަންތައް ހުންނަ ގޮތް،" ޔާމީން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަކީ ހުރިހާ ތަނަކަށް އަތްބާނަން ޖެހޭ މީހެއް ނޫން ކަމަށާއި ރައީސްގެ ޒިންމާއަކީ ނިޒާމު ރަނގަޅަށް ހިނގާތޯ ބެލުން ކަމަށް ޔާމީން ވިދާޅުވި އެވެ. ގާނޫނު އަސާސީން ރައީސަށް މަތިކޮށްފައިވާ ޒިންމާއަކީ ވެސް އެއީ ކަމަށާއި ނަމަވެސް މިފަދަ މައްސަލަތަކުގެ ތެރެއަށް ސީދާ ރައީސް މުއިއްޒު ފައިބައިގެން މަސައްކަތް ކުރައްވާތީ ހިތާމަކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.