Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

އަންހެނުންގެ ކޮމިޓީތަކަށް އެލަވަންސް ދޭން ފާސްކޮށްފި

އައްޑޫ ޑަބްލިއުޑީސީގެ މެންބަރުން.

އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުނަނަށް ރޯދަ އެލަވަންސާއި ޗުއްޓީ ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި އެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މި އިސްލާހާއެކު ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނާ އެއްގޮތަށް ޑަބްލިއުޑީސީގެ މެންބަރުންނަށް ވެސް ރޯދަ މަހުގެ ކުރިން ރޯދަ އެލަވަންސް ލިބޭނެ އެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް 3000ރ. ލިބޭނެ އެވެ. މީގެ އިތުރުން އިޖުތިމާއީ އެކި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކި ކަންކަން ކުރުމުގެ ގާނޫނީ ބާރު ވެސް އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލިބިގެންދާނެ އެވެ.

އެގޮތުން ފާސްކުރި ބިލުގައި ވާގޮތުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ މަދުވެގެން ފަސް ޕަސެންޓު ޑަބްލިއުޑީސީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރަން ހާއްސަ ކުރަން ޖެހެ އެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލެވެންސް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.