Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

މުސާރަތައް އަދި ކުޑަކުރެވޭކަށް ނެތް: މާލިއްޔަތު ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން ފޮނުވި ނަމަވެސް ގާނޫނު ބަދަލުކޮށްގެން ނޫން ގޮތަކަށް އެކަން މި ވަގުތު ކުރެވެން ނެތްކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ހަރަދުތައް ކުޑަކުރަން އިގުތިސާދީ އިސްލާހީ އެޖެންޑާ އަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ ފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އޭގައި ހިމެނެނީ ސިޔާސީ މުވައްޒަފުންނާއި މަޖިލީހުގެ މެންބަރުންނާއި، ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމަށެވެ.

މިނިވަން މުއައްސަސާތަކުގެ ތެރެއިން ހަ މުއައްސަސާއެއްގެ ވެރިންގެ މުސާރަ ނުވަތަ އިނާޔަތް މަގާމުގެ މި މުއްދަތުގެ ތެރޭގައި އުނިނުކުރެވޭނެ ކަމަށް ބަނީ ނިންމައިފަ އެވެ.

އެ މުއައްސަސާތަކަކީ ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)، އިލެކްޝަންސް ކޮމިޝަން (އީސީ)، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)، މޯލްޑިވްސް ބްރޯޑްކޮމް، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެވެ.

ނަމަވެސް ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) އާއި އޮޑިޓާ ޖެނެރަލް އޮފީހާއި ޝަރުއީ ދާއިރާގެ އިތުރުން މަޖިލީހުގެ މެންބަރުންގެ މުސާރަ އަށް ބަދަލެއް ގެނެވިދާނެ ކަމަށް މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ބުނެފައިވެ އެވެ.

އެކަމަކު ވަކި ކޮމިޝަންތަކެއްގެ މެންބަރުންގެ މުސާރަ ކުޑަކުރުމަކީ އިންސާފެއް ނޫން ކަމަށް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

މިއަދު ކުރިއަށް ދިޔަ ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ ގާނޫނުތަކަށް ބަދަލުތައް ގެނައުމަށް ފަހު ހުރިހާ ކޮމިޝަންތަކުގެ މުސާރާ ކުޑަކުރުމަށް ފެންނަ ކަމަށް ރައީސް މުއިއްޒު އަށް ލަފާ ދިނުމަށެވެ.

އޭނަގެ އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.