Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނޭވެނެ އިންތިޒާމެއް

މި ރަމަޟާން މަހު ޢުމްރާއަށް ދާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަމަޖައްސައި ފިއެވެ.

ބީއެމްއެލް އިން ވަނީ ޑޮލަރު ވިއްކުމުގެ ޚިދުމަތް ދިނުމަށް މަސްޖިދުލް މަލިކް ސަލްމާން (ސަލްމާން މިސްކިތް) ކޮންފަރެންސް ހޯލް (5 ވަނަ ފަންގިފިލާ) އިންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗް މެދުވެރިކޮށް ޑޮލަރު ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފަ އެވެ.

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް:

• 19 އިން 27 ފެބުރުވަރީ 2025، ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް
• 2 އިން 13 މާރިޗު 2025، ހެނދުނު 9:30 އިން 11:30 އަށް

މި ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް އަދި ވިލިމާލެ ބްރާންޗުން ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ނުލިބޭނެއެ ވެ. ނަމަވެސް، މާލެ ސަރަޙައްދުން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެންމެ ކައިރީގައިވާ ބްރާންޗަކުން ޑޮލަރު ގަތުމުގެ ޚިދުމަތް ލިބޭނެ އެވެ.

ބީއެމްއެލް އިން ބުނީ ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރު ކަމަށާއި އަދި އެއްފަހަރާ 5 ޢުމްރާވެރިންނަށް ވުރެ ގިނަނުވާ ގޮތަށް ޑޮލަރު ގަނެވޭނެ ކަމަށެވެ. ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން ނުވަތަ ނަގުދު ފައިސާއިން ކަމަށާއި ޑޮލަރު ގަންނަ ވަގުތު ކޮންމެ ޢުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހުށަހަޅަން ޖެހޭއިރު، ޢުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުވެސް ހުށަހަޅަންޖެހޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މީގެއިތުރުން ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ. އަދި އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެކަމަށްވެސް ބީއެމްއެލުން ބުނެ އެވެ.