Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

އަސާސީ މުދާ އަގުބޮޑުކުރާނަމަ ރިޕޯޓު ކުރެވޭ ގޮތް ހަދަނީ

މާރުކޭޓް - ފޮޓޯ: އައްޑޫލައިވް

ކުރިއަށް އޮތް ރޯދަ މަހު އަސާސީ ކާބޯތަކެތީގެ ގޮތުގައި 141 މުދާ ކަނޑައަޅައި، އެ ތަކެތީގެ އަގު ބޮޑުވާނަމަ އާންމުންނަށް ރިޕޯޓު ކުރެވޭނެ ގޮތް ހަދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ބުނީ އަސާސީ ބާވަތްތައް މޮނިޓާކުރާނީ ތިން ކެޓެގަރީއަކަށް ބަހާލައިގެން ކަމަށާއި މީގެ ތެރޭގައި ހިމެނެނީ ގޭބިސީތަކުގައި ކެއުމަށާއި ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ އަސާސީ ތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 93 މުދަލާއި މޭވާ އަދި ތަރުކާރީގެ ބާވަތްތަކުން 38 މުދަލާއި ކަނޑުމަހުގެ ބާވަތްތަކުން 10 މުދާ ކަމަށެވެ.

އެ މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުން މާލެ އާއި އަތޮޅުތަކުގެ ފިހާރަތަކާއި ލޯކަލް މާރުކޭޓުތަކުން ބާޒާރުގެ އަގުތައް މޮނީޓާކުރާނެ ކަމަށާއި އަސާސީ ބާވަތްތަކުގެ އަގު ބޮޑުވެއްޖެނަމަ "އަސާސީ ބާވަތްތައް ކަނޑައެޅުމާއި އަގު މޮނިޓާކުރުމާއި މާކެޓް އިންޓަވެންޝަންގައި މިނިސްޓްރީން އަމަލު ކުރާނެ ގޮތުގެ އުސޫލު" ގެ ދަށުން އިންޓަވީން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އަދި ރޯދަ މަހަށް ހާއްސަކޮށް ތައާރަފްކުރާ ސިސްޓަމް މެދުވެރިކޮށް، އަސާސީ ކާބޯތަކެތީގެ އަގު ބޮޑުވެއްޖެނަމަ އާންމު ރައްޔިތުންނަށް ވެސް އެކަން ރިޕޯޓު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މީގެއިތުރުން މިނިސްޓްރީން ބުނީ ރޯދަ މަހަށް ހާއްސަ ތަކެތި ބާޒާރުގައި އަބަދުވެސް ލިބޭނެކަން ޔަގީންކުރުމަށް އެސްޓީއޯ މެދުވެރިކޮށް އެތަކެތި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ބާޒާރުގައި އަގުބޮޑުވާ ތަކެތި އަދި ލިބުން ދަތިވާ ތަކެތީގެ ސަޕްލައި އިތުރުކުރުމަށް އެސްޓީއޯއާ އެކު މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފަ އެވެ.