Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ކުއްލި ކެބިނެޓް ބައްދަލުވުމެއް ނުބާއްވާ: ހީނާ

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު - ފޮޓޯ: ރައީސް އޮފީސް

ކުއްލި ކެބިނެޓް ބައްދަލުވުމެއް މިއަދު ބޭއްވި ކަމަށް ބުނާ ވާހަކަތައް، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދޮގުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ބުނެ "އަދަދު" ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއްވެސް ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

އާންމު އުސޫލުގެ ދަށުން ކެބިނެޓު ބައްދަލުވުން ބާއްވަނީ އާދީއްތަ ދުވަހު އެވެ.