ރާއްޖޭގެ އިގްތިސާދު ދަނީ ލަފާކުރި ވަރަށް ވުރެ ބާރަށް ކުރިއަރަމުން ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އިގްތިސާދީ ގޮތުން ލިބޭ ކުރިއެރުން ފުދޭވަރަކަށް ރަނގަޅު ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް މި ސަރުކާރަށް ވާރުތަވި މާލީ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އޭގެތެރޭގައި 8،000 މިލިއަން ރުފިޔާ ޗާޕުކޮށްފައި ބާޒާރަށް ނެރެފައި އޮތް މައްސަލަ ހިމެނޭ ކަމަށާއި އަދި 123 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތްއިރު، އޭގެ 60 ޕަސެންޓް ދަރަނި އުފެއްދީ ކުރީ ސަރުކާރުން ކަމަށް ސައީދު ވިދާޅުވި އެވެ.
އެ ލޯނުތައް ގުޅިފައި ހުރީ އާމްދަނީ ލިބޭ ވަސީލަތްތަކަކާއި ނޫން ކަމަށާއި އެ ލޯނުތައް ވަރަށް ބޮޑަށް ހުރީ ސަރުކާރު ހިންގުމުގެ ހަރަދުތަކާއި ގުޅިފައި ކަމަށް ސައީދު ވިދާޅުވި އެވެ. މި ގޮންޖެހުންތަކާ އެކު މަސައްކަތް ކުރަމުންދާއިރު، މި ސަރުކާރުން ހޯދި އެންމެ ބޮޑު ކާމިޔާބަކީ ގައުމު ނުދަރާ ސަލާމަތް ކުރުން ކަމަށްވެސް ވިދާޅުވި އެވެ.
"އިގްތިސާދު އަޅުގަނޑުމެން ލަފާކުރި އަދަދަށް ވުރެ ބާރަށް ކުރިއަރާދާކަން. މީގެ ސްޓެޓިސްޓިކްސް ޕަބްލިޝްކުރާ ހުރިހާ ފަރާތްތަކުން ވެސް އެ ވާހަކަ އެބަ ދައްކާ. އިގްތިސާދީ ނަމްބަރުތައް އާންމުކޮށް މަރުކަޒީ ބޭންކު ނުވަތަ ފިނޭންސް މިނިސްޓްރީން ޕަބްލިޝް އެބަކުރައްވާ. އެ ޑޭޓާ ބެއްލެވީމަ އެ ހުރީ ފެންނަން،" ސައީދު ވިދާޅުވި އެވެ.
ސައީދު މިހެން ވިދާޅުވި އިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވި ތަނާއި ދައުލަތުގެ ހަރަދު ކުޑަކުރާ ތަނެެއް ވެސް ނުފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.