Last Updated: April 11, 11:14
Friday, April 11, 2025
ރިޕޯޓް

މާސްކު އަޅައިގެން ނަމާދު ކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعد:

ފިރިހެނުންނަށާއި އަންހެނުންނަށް ވެސް ނަމާދުގައި މޫނު ނިވާކުރުން މަކްރޫހަވެގެންވާ ކަމަށް ފިޤުހުވެރިން އިއްތިފާޤު ވެލައްވާފައިވެއެވެ.

عَنْ أَبِي هُرَيْرَةَ، قَالَ: «نَهَى رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ يُغَطِّيَ الرَّجُلُ فَاهُ فِي الصَّلَاةِ» [رواه ابن ماجه في سننه برقم: (966) وحسنه الألباني]

މާނައީ: أبو هريرة رضي الله عنه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ނަމާދުގައި ފިރިހެނުން އެބައިމީހުންގެ އަނގަ ނިވާކުރުން ރަސޫލުﷲ صلى الله عليه وسلم ނަހީ ކުރެއްވިއެވެ.”

ޝާފިޢީންގެ އަރިހުގައި “التَّلَثُّم” ގެ މުރާދަކީ އަނގަ ނިވާކުރުމެވެ. އަދި ޙަނަފީންނާއި ހަންބަލީން ވިދާޅުވަނީ އެއީ އަނގައާއި ނޭފަތް ނިވާ ކުރުން ކަމުގައެވެ. އަދި މާލިކީން ގެ އަރިހުގައި ތިރީ ތުންފަތާ ހަމައަށް އަރާ ކޮންމެ އެއްޗެއް މޫނު ނިވާކުރުން ކަމުގައި ބެލެވެއެވެ.

އެހެންކަމުން ފިރިހެނަކަސް އަންހެނަކަސް މޫނު ނިވާކޮށްގެން ނަމާދުކުރުން މަކްރޫހަވެގެން ވެއެވެ. [1] މޫނު ނިވާކޮށްގެން ހުންނަ އަންހެނާގެ ނަމާދު ހުއްދަވެގެން ނުވާކަމަށް ބުނާ ބުނުމަކީ ސައްހަ ބުނުމެއް ނޫނެވެ. އެހެނެއްކަމަކު އެއީ އިސްވެ ބަޔާން ކުރެވިފައިވާ ފަދައިން މަކްރޫހަވެގެންވާ ކަމެކެވެ.

خليل އެކަލޭގެފާނުގެ مختصر ގައި ވިދާޅުވެފައިވެއެވެ.

“އަދި އެކަމާއި (އެބަހީ: ފިރިހެނުން މޫނު ނިވާކުރުމާއި) އަންހެނުން ނިޤާބު އެޅުން ހިމެނިގެން ވަނީ ނަމާދުގައި މަކްރޫހަވެގެންވާ ކަންކަމުގެ ތެރޭގައެވެ.”

އަދި صاحب التاج އާއި الإكليل ވިދާޅުވެފައިވެއެވެ.

“(ނަމާދުގައި) އެ ދެ ކަން – އެބަހީ: ނިޤާބު އެޅުމާއި މޫނު ނިވާކުރުން – މަކްރޫހާވެގެންވެއެވެ. އަދި ފިރިހެނަކަށް -އެބަހީ މަޙުރަމަކަށް ނުވާ ފިރިހެނަކަށް – ފެނިދާނެކަމަށް ބިރު ހީވާނަމަ މޫނު މައްޗައް ވައްޓަލާ ފޮތިކޮޅަކުން ނިވާކުރާނީއެވެ.”

الخطيب الشربيني ވިދާޅުވެފައިވެއެވެ.

“އަދި ފިރިހެނަކު މޫނު ނިވާކޮށްގެން އަދި އަންހެނަކު ނިޤާބު އަޅައިގެން ނަމާދުކުރުން މަކްރޫހަވެގެންވެއެވެ. އަދި النووي އެކަލޭގެފާނުގެ المجموع ގައި ގެންނަވާފައިވެއެވެ. ހަމަކަށަވަރުން އެއީ ނަމާދުގެ ޞައްހަކަމަށް ފުށޫ ނާރާނެ މަކްރޫހަ ކަމެކެވެ.”

كشاف القناع ގައި البهوتي ވިދާޅުވެފައިވެއެވެ.

“ޙާޖަތެއްނެތި ނިޤާބު އަޅައިން ނަމާދު ކުރުން މަކްރޫހަވެގެންވެއެވެ.”

ابن عبد البر ވިދާޅުވެފައިވެއެވެ.

“ނަމާދާއި އިޙްރާމުގައި އަންހެނާގެ މައްޗަށްވަނީ އޭނާގެ މޫނު ކަޝްފުކުރުން ކަމަށް އިޖުމާޢު ވެލައްވާފައިވެއެވެ. އެހެނީ މޫނާއި އަނގަ ނިވާކުރުމަކީ ނަމާދުކުރާ މީހާގެ ނިއްކުރިއާއި ނޭފަތް ޖެއްސުމަށް ހުރަސްއެޅޭނެ ކަމެކެވެ. އަދި ނަބިއްޔާ صلى الله عليه وسلم ފިރިހެނުންނަށް އެކަން ނަހީ ކުރެއްވިއެވެ. އަދި (އެތަނެއްގައި) ހިލޭ ފިރިހެނުން އުޅުން ފަދަ ހާޖަތަކަށްޓަކާނަމަ (އަންހެންކަނބަލުންނަށް) އެކަން މަކްރޫހަވެގެން ނުވެއެވެ. ހަމަ އެފަދައިން ފިރިހެނުންނަށްވެސް ޙާޖަތެއް މެދުވެރިވެއްޖެނަމަ މަކްރޫހަކަން ކެނޑިގެންދާނެއެވެ.”

އެގޮތުން، މުޅި ދުނިޔެއަށް ވެސް ބޮޑު ވަބާއެއް ފެތުރިފައިވާ މި ދުވަސްވަރުގައި، ބަލިމަޑުކަން ފެތުރުން ކުޑަ ކުރުމުގެ ގޮތުން މިސްކިތްތަކަށްވެސް ނޭފަތާއި އަނގަ ނިވާވާނޭފަދަ މާސްކެއް އަޅައިގެން ދިއުމަށް ބައެއް ސިއްޙީ އިދާރާތަކުން ލަފާ ދެއްވައެވެ. އެ ފަދަ ޙާޖަތަކަށްޓަކާ ނޭފަތާއި އަނގަ ނިވާކޮށްގެން ނަމާދުކުރުމަކީ މަކްރޫހަ ކަމެއް ނޫނެވެ. والله أعلم.

މަސްދަރު: ދިސަލަފިއްޔާ