Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ގާނޫނުއަސާސީ ހަދައި އިސްލާހުކުރާނީ މަޖިލީހުން

މެންބަރު އިބްރާޙިމް ފަލާހު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގާނޫނު އަސާސީ ހަދައި، އެ އިސްލާހުކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުންނާއި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. މި މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އަދި އެގޮތަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ އެފަދަ ދުސްތޫރީ މައްސަލައެއް ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، މައްސަލަ ކުރިއަށް ގެންދަން ނިންމާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ދައުލަތުގެ ތިން ބާރުން އެއްވެސް ބާރަކަށް އަރައިގަނެގެން ނުވާނެ ކަމަށާއި ޤައުމުގެ މަސްލަހަތު ވަރަށް ބޮޑުވާނެ ކަމަށެވެ.

"ޤާނޫނު އަސާސީ ހަދައި އިސްލާހު ކުރަނީ ރައްޔިތުންގެ މަޖިލީހުން. އަދުލު އިންސާފުގެ ދާއިރާ އަށް ރައްޔިތުންގެ އިތުބާރު ހޯދުމަކީ މުޅި ޤައުމުގެ
މަސްލަހަތާ ގުޅިފައިވާ ކަމެއް،" ފަލާހު ވިދާޅުވި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަލީ ހުސައިން އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިން ވިދާޅުވީ ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ އާއި އަށްވަނަ މާއްދާ އާއި 26 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އަދި އެއީ، ގާނޫނުއަސާސީގެ އަސާސީ އޮނނިގަނޑާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.