Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި

މާރުކޭޓުގައި ވިއްކާ ލުނބޯތަކެއް - ފޮޓޯ: ރާއްޖެއެމްވީ

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން ލުނބޯ އަގުހެޔޮކޮށް ވިއްކަން މިފެށީ ރާއްޖޭގެ ބާޒާރުގައި ލުނބޯ ގަންނަން ލިބޭ އަގު ވަރަށް ބޮޑަށް އުފުލިފައި ވަނިކޮށެވެ.

އެގޮތުން އެސްޓީއޯ އިން ލުނބޯ ވިއްކާ އަގު ހެޔޮކޮށް ކިލޯއެއް މިހާރު ވިއްކަނީ 40 ރުފިޔާ އަށެވެ. އަދި ފަސް ކިލޯގެ ލުނބޯ ފޮއްޓެއް ވިއްކަނީ 145 ރުފިޔާ އަށެވެ.

ލުނބޯ ވިއްކާ އަގު އެސްޓީއޯ އިން ހެޔޮކޮށްފައި މިވަނީ ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ވިއްކާ ބައެއް ތަކެތި އަގުހެޔޮ ކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.

ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިއާލާ ކުރެވިފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. މިގޮތުން ބައެއް ތަކެތި ރާއްޖެ ގެނެސް ވަނީ އަގުހެޔޮކޮށް ވިއްކަން ފަށާފައިވާއިރު، އެސްޓީއޯ އިން ކާށި ވިއްކަނީ 5 ރުފިޔާ އަށެވެ. އަދި ފިޔާ ކިލޯއެއް ވިއްކަނީ 16 ރުފިޔާ އަށެވެ.

މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:

އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ

ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު

ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ