Last Updated: February 20, 22:44
Thursday, February 20, 2025
ޚަބަރު

ކޯސް ފީ ދައްކާނީ މެމްބަރުން އަމިއްލަ އަށް: ފަލާހު

ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްގެން ފެށި ކޯހަށް ފައިސާ ދައްކާނީ މެމްބަރުން އަމިއްލައަށް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވަސިޓީން ރައްޔިތުންގެ މަޖިލީހާއި ގުޅިގެން ފަށާފައިވާ މި ޕްރޮގްރާމުގެ ދަށުން ހިންގުމަށް ހަމަޖެހިފައި ވަނީ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެކެވެ.

އެއް އަހަރު ދުވަހަށް ކިޔަވައިދޭ މި ކޯހުގައި މަޖިލީހުގެ 8 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ކޮންމެ ކަމަކުން ވެސް މަޖިލިސް މެމްބަރުން ދެކެ ރުޅިއަރުވާލަން މަސައްކަތް ކުރާ ކަމަށާއި މި ކޯހަކީ މަޖިލީހުން ހަރަދުކޮށްގެން ހިންގާ ކޯހެއް ނޫން ކަމަށެވެ.

"މި ކޯސް މީ މާތްކަލާކޯ މަޖިލީހުން ހަރަދު ކޮށްގެން ހިންގާ ކޯހެއް ނޫން. މި ކޯހަށް ހިނގާ ހަރަދު އެ ބައިވެރިއަކު އަމިއްލަ އަށް ކުރަނީ،" ފަލާހު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ މިފަދަ ކޯހެއް މަޖިލީހުގެ މެންބަރުންނަށް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ޢިލްމީގޮތުން ޤާބިލު މެންބަރުންތަކެއް ތިބި އަދި ޢިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެއްދެވުމަށް ބޭނުންފުޅުވާތީ ކަމަށެވެ.

އަދި މިކަމަކީ 20 ވަނަ މަޖިލީސް އިންތިޚާބުވުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މެމްބަރުންނަށް ހިންގާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އާއި ރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅުއްވާފައިވާ ކޮލިޓީ އެޝުއަރެންސް މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯހެކެވެ.