އައްޑޫ ސިޓީ ގައި މިހާރު ކުރިއަށް ގެންދާ ފްލެޓް މަޝްރޫއުގެ ދަށުން ފްލެޓް އަޅާ ސަރަހައްދު ޕްލޭން ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އައްޑޫގައި މިހާރު ފްލެޓް މަޝްރޫއު ކުރިއަށް ގެންދަނީ ހިތަދޫ މެދެއާރި މަގުގެ ދެކުނު ކޮޅުން އޮތް ސަރަހައްދުގަ އާއި ހުޅުމީދޫ މާފިށި ސަރަހައްދުގަ އެވެ. މި ދެ ސަރަހައްދަކީ ވެސް އާންމުކޮށް މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ހިސާބުތަކަށްވުމާއި، ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާ އިރު ހުންނަން ޖެހޭ ބައެއްް މުހިއްމު ވަަސީލަތްތައް ނެތް ސަރަހައްދުތަކެވެެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފްލެޓް އަޅާ ސަރަހައްދުތައް ޕްލޭން ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން ފްލެޓް އަޅާ ސަރަހައްދުތަކުގައި މިސްކިތާއި ޕްރީ ސްކޫލާއި ކެފޭތަކާއި ޕާކް ފަދަ ތަންތަން ޤާއިމްކުރެވިގެންދާނެ ކަމަށެވެ.
ފްލެޓްތައް އަޅާ ސަރަހައްދުތައް ޕްލޭން ކުރަމުން އަންނަނީ އެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފުސީލް ހައުސިން މިނިސްޓްރީގެ ފަރާތުން އަދި ހާމަކުރެވެން ނެތް ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ހިތަދޫގައި އަޅާ 264 ފްލެޓްގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު ހުޅުމީދޫގައި އަޅާ 48 ފްލެޓްގެމަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަނީ ވެފަ އެވެ.