Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ފްލޯޓިން ސޯލާ ޕީވީއާ ގުޅޭ ތަމްރީނެއް

ފްލޯޓިން ސޯލާ ޕީވީއާ ބެހޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އިންތިޒާމުކޮށްގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމަކީ މިނިސްޓްރީގެ މުވައްޒަފުންނާއި، ޔުޓިލިޓީ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ރެގިއުލޭޓަރީ އޮތޯރިޓީގެ މުވައްޒަފުންގެ ހުނަރާއި މަޢުލޫމާތު އިތުރުކުރުމަށް އަމާޒުކޮށްގެން ބާއްވާ ތަމްރީނެކެވެ.

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ފްލޯޓިން ސޯލާ ޕީވީ ޓެކްނޮލޮޖީއާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށް
ދޭނެ އެވެ. މީގެ އިތުރުން، އެ ދާއިރާ އިން ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާ ވެސް ކުރާނެ އެވެ.

މި ތަމްރީން ޕްރޮގްރާމް ނިމުމުން ބައިވެރިންނަށް ފްލޯޓިން ސޯލާ ޕީވީ ސިސްޓަމްތައް ފަރުމާކުރުމާއި، ބެހެއްޓުމާއި އަދި މެއިންޓެއިން ކުރުމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތާއި ތަޖުރިބާ ލިބިގެން ދާނެ އެވެ.

މިއީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.